އައިސީޔޫ އާއި ލެބޯޓްރީގެ ސާމާނު ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކޮށްފި

ދިވެހިރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ސިއްހީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދިވެހިރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ހަވާލްކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އައިސީޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތައް ކަމަށެވެ.
އެގޮތުން ޕޯޓަބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓް ކިޓް ހިމެނެއެވެ. މިތަކެއްޗާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީ ކުރެވިގެން ދާނެއެވެ.
މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި މިނިސްޓްރީ އޮފް ހެލްތާ ހަވާލްކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާ ފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު ވަގުތީގޮތުން ހިންގެވުމާ ހަވާލްވެ ހުންނެވި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވަނީ ޑަބްލިއުޔުޗްއޯގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭތެރެ ދޭތެރެއިން ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ޕީސީއާރު ޓެސްޓް ކިޓްގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000 އަށް ވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ވަނީ ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ