ރައްޔިތުން އެދެނީ އެންމެ ކުޑަކޮށް 2000 އަކަފޫޓުގެ ބިމަކަށް: ޖާބިރު

ރައްޔިތުން އެދެނީ 2000 އަކަފޫޓުގެ ބިމަކަށް ކަމަށާއި އަވާމެންދުރު ނުދެއްކުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ވީޑިޔޯ އަކާއެކު ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށާއި އެގޮތުން ރައްޔިތުން އެދެނީ އެންމެ ކުޑަކޮށް ވެސް 2000 އަކަފޫޓުގެ ބިމަކަށް ކަމަށެވެ. އަދި ދިވެހިންނަށް ބިން ދިނުމުން އެމީހުން ބޯހިޔާވަހިކަން ހޯދާނެ ކަމަށާއި އަބަދު އަވާމެންދުރު ނުދެއްކުމަށްވެސް ޖާބިރު ވަނީ ގޮވާލާފައެވެ.
ރޭ ނިދި ކުރެއްވީ ތިލަފުށީގައި އޮތް އަމިއްލަ ބިމުގައި އަމިއްލައަށް އެޅުއްވި ގެއެއްގައިކަން ފާހަގަކުރައްވަމުން ޖާބިރު ވަނީ މިއީ ދިވެހިންގެ މިސާލު ކަމަށް ވިދާޅުވެފައެވެ.
Rayyithun edheny flat akah noon, emme kudakoh 2000sqft bin! Dhivehinnah bin dhinyma emeehun boahiyaavahivakan hoadhaane, abadhu avaamendhuru nudhakkaa! Mirey mi nidhany Thilafushyga huri alhugandu bimuga mirein mireah alhugandu elhi geyeh ga! Miee dhivehi rayyithege misaalu! GN pic.twitter.com/3itJvozeS4
— Abdulla jabir (@chairmanjabir) September 13, 2020
މީގެއިތުރުން ކޮވިޑް 19 ގެ މިދުވަސްވަރު އެކި ތަންތަނުގައި، އެކި ގޮތްގޮތަށް އުޅުއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ބިން ލިބުމުން ލިބޭ އެންމެ ބޮޑު އުފަލަކީ ރީތި ގެއެއް އަޅައިގެން ހަމަޖެހިގެން އުޅެލެވުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ދިވެހި ރައްޔިތުންނަށް ބިންކޮޅެއް ލިބިއްޖެ ކަމަށް ވަންޏާ، އެންމެނަށްވެސް މުނާސަބުކޮށް، އުފާވެރިކޮށް އަޅުގަނޑުމެންވެސް މިއުޅޭހާ އުފަލުގައި ސިމްޕަލްކޮށް އުޅެވޭނެ ކަމަށް" ޖާބިރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެ އަށް ޒަމާނުއްސުރެ ދިމާވެފައިވާ މައްސަލައަކަށްވާއިރު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ ދިވެއްސެއް ނުހުންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ