އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިއްޖެ

ބ. އޭދަފުށީގެ މަގު ހެދުމުގެ 79 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ. އޭދަފުށީގައި މަގު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ ނިމިގެން ދިޔަ ސަރުކާރުގައި 2015 ވަނަ އަހަރުއެވެ. ކުރިން އޮތް އެމްއާރުޑީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުނެވެ. ނަމަވެސް މަގު ހެދުމުގެ ނުނިމި ހުރި މަސައްކަތް ކުރަން ފެށީ އެމްޓީސީސީއިންއެވެ. ޖުމްލަ 38.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެމަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އަދި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން އެންމެ ފުރަތަމަ ފެށީ ހަމަ އެ މަހުގެ 22 ވަނަ ދުވަހުއެވެ. https://twitter.com/MTCCPlc/status/1282536611863949314 އެމްޓީސީސީން ބުނީ އޭދަފުށީގައި ގާއިމްކުރާ ސްޓޯމް ނެޓްވޯކްގެ 75 ޕަސެންޓް ނިމިއްޖެ ކަމަށާއި އަދި މަގުތަކުގައި އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލޭޔަރު އެޅުމުގެ 64 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު މަސައްކަތް ކުރާ ސައިޓަށް ގެންގޮސްފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އޭދަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ބޮޑެތި މަގުތައް ހަދައި މިހާރު ހުރި ދުވާރާއި ޕޭމަންޓްގައި އަޅާ ގާގެ ޑީޓެއިލް ސާވޭ ހެދުމާއި ފެންބޮޑުވުން ހުއްޓުވުވައި މަގުތައް ރީތިކޮށް ބެހެއްޓުމުގެ ގޮތުން ގްރެވިޓީ ޕައިޕް ނެޓްވޯކްތަކާއެކު ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ