ރިޔާސީ އިންތިހާބުތަކުގައި ވާދަނުކުރައްވަން ގާސިމް ނިންމަވައިފި

ރިޔާސީ އިންތިހާބުތަކުގައި ވާދަނުކުރެއްވުމަށް ނިންމަވާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ވީމީޑިއާ ގުރޫޕުގެ ދަށުން ހިންގަމުންދާ މިއަދު ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން ދެ އިންތިހާބެއްގައި ވާދަކުރައްވަވާ ދެ އިންތިހާބުގެ ފަހު ބުރުގައި ކޯލިޝަނެއްގެ ތެރެއިން ގައުމުގެ ވެރިކަމަށް ދެ ރައީސުން ގެނައުމުގައި އެންމެ އިސްދައުރު އަދާ ކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ނިމިގެންދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަކުރެއްވީ ގައުމުގެ ތަރައްގީއަށް އެމަނިކުފާނު ދެކެވަޑައިގެންނެވި ބޮޑު ތަސައްވުރެއް ހަގީގަތަކަށް ހެއްދެވުމުގެ ނިޔަތުގައި ކަމަށެވެ.
"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެއްވި ނަމަވެސް އިގްތިސޯދީ އިޖްތިމާއީ އަދި ސިޔާސީ ޕްލެޓްފޯމް ތަކުގައި އަޅުގަނޑު ގައުމަށް ހިދުމަތްކުރާނަން،" ގާސިމް އިބްރާހިމް ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށްދިނުމަށް އެމަނިކުފާނު ލީޑަރު ކަން ކުރައްވާ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕު މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ތަކުގައި ވާދަނުކުރެއްވުމަށް ގާސިމް އިބްރާހިމް ނިންމަވާފައި މިވަނީ އެމަނިކުފާނު ޗެއާމަން ކުރައްވަވާ ވިލާ ގްރޫޕާއި ގުޅިފައިވާ ބައެއް ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށްފައިވާތީ އެމައްސަަލަ ޝަރުއީ މަރުހަލާގައި ހިނގަމުންދާ ވަގުތެއްގަ އެވެ. ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައިވާތީ ވިލާ ގްރޫޕަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބު ތަކުގައި ވާދަނުކުރެއްވުމަށް ގާސިމް އިބްރާހިމް ނިންމަވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ވަގުތެއްގަ އެވެ. އެކަމަކު އަމީން އިބްރާހިމް މިވަގުތު ހުންނެވީ ގައުމުން ބޭރުގަ އެވެ.
ގާސިމް އިބްރާހިމް ވަނީ ގައުމުގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން ވިލާ ގްރޫޕްގެ ދަށުން ވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަން އުފައްދަވާ އެމަނިކުފާނު ގެންދަވަނީ މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. މީގެ އިތުރުން އަމިއްލަ އެއާލައިނެއް އުފައްދަވާ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ވަނީ އދ. މާމިގިލީގައި އަމިއްލަފުޅު ހަރަދުގައި ހައްދަވާފަ އެވެ. މައިގަނޑު ވިޔަފާރީގެ ގޮތުގައި ޓޫރިޒަމްގެ ވިޔަފާރިކުރެއްވި ނަމަވެސް ގިނަ ވިޔަފާރިތަކެއް ވެސް ގާސިމް އިބްރާހިމް ކުރައްވަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ މީޑިޔާ ހައުސް ވީމީޑިއާ ގުރޫޕަކީ ވެސް ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުގެ ދަށުން ހިންގާ ގުރޫޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ