މެމްބަރު އިކްރާމްއަށް ތުހުމަތުކުރެވޭ މައްސަލައިގެ ހަގީގަތް އޭނާ ހާމަކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ހަމަލާ ދެއްވިކަމަށް ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ، އެމްޑީޕީ މެމްބަރ އިކްރާމް ޙަސަން އެކަން ހިނގާ ދިޔަގޮތުގެ ހަގީގަތް ހާމަކުރައްވައިފިއެވެ. 
ނަމަވެސް މިއަދު ފުލުން ވިދާޅުވީ އެ މައްސަލަ ބައްލަވަން ފަށްޓަވައިފައިވާކަމަށެވެ. ފުލުހުން އެ މައްސަލަ ބައްލަވަން ފަށްޓަވައިފައިވާއިރު، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. 
މިމައްސަލައިގައި މެމްބަރ އިކްރާމަށްވަނީ ވަރަށް ބޮޑަށް ފާޑްކިޔުންތައް އަމާޒުވެފައެވެ. އެ ފާޑް ކިޔުންތަކަށް ޖަވާބު ދެއްވަމުން މެމްބަރ އިކްރާމް ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތުގެ ތެރެއަށް ސާމްޕަލް ނަގާ ކަފަބުރު ލައްވައިފައި ތަޅުވައިގަތުމުން، ތަދުވި ވަރުން އެކަފަބުރު ނެރުމަށް މޫނާކައިރީގައި އިން، އޭނާގެ އަތް ދުރަށްލެއްވި ކަމަށެވެ. އަދި ވަރަށް ކޯފާ އިސްކުރެވި، އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެކަމަށް ވެސް ވިދާޅުވެވުނު ކަމަށެވެ. ކަން ހިނގި ގޮތް ސާފުކޮށްދެއްވުމަށް މެމްބަރ އިކްރާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުއްޖާއަށް ކިޔާނަންވެސް އެވަގުތު އެއްސެވި ކަމަށާއި ނަމަވެސް އެކުއްޖާ ނަންހާމަނުކުރާކަމަށެވެ. 
"މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ. އެތާ ކެމެރޭ ހުރިނަމަ އެކެމެރާއިން ބައްލަވާ. ކަން ހިނގާ ދިޔައީ މިގޮތަށް ނޫންތޯ؟" މެމްބަރ އިކްރާމް ވިދާޅުވިއެވެ. 
މެމްބަރ އިކްރާމް ވިދާޅުވީ ކުރިން އައިޖީއެމްއެޗުންވެސް އޭނާ ޕީސީއާރު ޓެސްޓް ހެއްދެވި ކަމަށެވެ. އައިޖީއެމްއެޗުން ސާމްޕަލް ނެގީ ވަރަށް އޯގާތެރިކަމާއެކު، ތަކުލީފަކަށް ނުވާ ގޮތަށް ކަމަށެވެ. 
"މިހާތަނަށް މާރާމާރީ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެއަށްވުރެ އޯގާތެރިކަމާއެކު ވެސް ޕީސީއާރު ޓެސްޓަށް ސާމްޕަލް ނެގޭނެ." އިކްރާމްގެ ޕޯސްޓު ނިންމާލައްވަމުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ