ހައިކޯޓުގެ ހުކުމާއެކު އިދިކޮޅުން އިހުތިޖާޖު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މި އިހުތިޖާޖުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވަމުންދާއިރު، އިހުތިޖާޖުގެ ބައިވެރިން އަންނަނީ އަދުލު އިންސާފު ގާއިމު ކުރުމަށާއި ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއުފުލާ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އިސްތިއުނާފީ 75 ނުކުތާއެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފަ އެވެ.
އެހެން ކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ އަޣުލަބިއްޔަތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންނުޖެހޭ ކަމަށް ހުކުމް ކޮށްފަ އެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ