ބިދޭސީންގެ އާބާދީ 2018 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ އެއްވަރުވާނެ: އިމިގްރޭޝަން

ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ އިންތިހާ އަށް ބޮޑުވަމުންދާ ކަމަށާއި މިހާރު ހުރި ނިސްބަތުން ބަލާއިރު 2018 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީއާ އެއްވަރަށް ބިދޭސީން ވެސް އުޅޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ލައްކައަކާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭ ކަމަށެވެ. މި ގޮތުން 2009 ވަނަ އަހަރު 41،000 މީހުން ވިސާ ފީގެ ގޮތުގައި 62 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި ރަޖިސްޓްރީކޮށްފައި ނަމަވެސް 16،900 މީހުން ފީ ނުދައްކާ ކަމަށެވެ. އަދި 2010 ވަނަ އަހަރު 55،000 މީހުން ފީގެ ގޮތުގައި 166 މިލިއަން ރުފިޔާ ދައްކާފައިވާ އިރު ގާތްގަނޑަކަށް 28،000 މީހުން ފީ ނުދައްކާ ކަމަށެވެ.
"ގާތްގަނޑަކަށް 28،000 މީހުން ފީ ނުދައްކައި އޭގެ ނަތީއެއްގެ ގޮތުގައި 83 މިލިއަން ރުފިޔާ ރާއްޖެ އަށް ނުލިބިފައިވާކަން ފާހަގަކުރެވޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ތަފާސްހިސާބުތަކުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނުހިމެނޭ ކަމަށާއި ގަވާއިދާ ހިލާފަށް 30- 35 ހާހެއްހާ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
"މި ރޭޓުން އަޅުގަނޑުމެން ބެލިއިރު 20 ޕަސެންޓް އިންކްރީޒް އައިސްފައި އޮތީ. ވިހި ޕަސެންޓް އިތުރުވަމުންދާ ކަމަށް ވަންޏާ 2018 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ އެއްވަރަކަށް ބިދޭސީ އާބާދީ އަންނާނެ. އަދި 15 ޕަސެންޓް އިތުރުވަމުންދާ ރޭޓަކަށް ބެލިކަމުގައި ވިޔަސް 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ އެއްވަރުވާނެ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް އުޅެވޭނެ މަގު ފަހިވެފައި އޮވެގެން ނުވާނެ ކަމަށާއި އެ މަގު ބަންދުކުރެވޭނީ އެކަށީގެންވާ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރެވިގެން ކަމަށެވެ.
ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ ވިދާޅުވީ ރާއްޖެ އިން ޑިޕޯޓްކުރެވޭ މީހުން ދެ ވަނަ ފަހަރަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަން ބެލޭނެ މެކޭނިޒަމެއް ނެތް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓަންޖެހޭ މީހުން ވެސް މެނުއަލްކޮށް ދެނެގަންނަންޖެހޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ކޮންޓްރޯލާ ވިދާޅުވީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ޕްރޮފައިލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ