ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު 2008 ވަނަ އަހަރު ދިއްދު އަށް ވަޑައިގަތުމުން އެ ރަށުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ހަ މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.
ދައުލަތުން މިއަދު ދައުވާކޮށްފައިވަނީ ހއ. ދިއްދޫ އޯޓަމް ވާދީ ތިން މީހުން ކަމަށްވާ އަބްދުﷲ ވަހީދާއި އުބައިދުﷲ ސައީދާއި އަލީ ހާޝިމްގެ އިތުރުން އެރަށު ނޫރާނީ ވިލާ ފަރުހާދު އަބޫބަކުރާއި ހަމަ އެގޭ ފަސީހު އަބޫބަކުރާއި އެގޭ މުހައްމަދު އަބޫބަކުރުގެ މައްޗަށެވެ. މީގެ ތެރެއިން އަބްދުﷲ ވަހީދަކީ ދިއްދޫ ކައުންސިލް މެމްބަރެކެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން މިއަދު އުފުލި ދައުވާގައި ބުނަނީ 2008 ޖެނުއަރީ 6 ވަނަ ދުވަހު ރައީސް މައުމޫން އެރަށަށް ވަޑައިގަތުމަށް ހަމަޖައްސައި އެ ދުވަހުގެ 00: 15 ހާއިރު އެރަށު އިރުމަތީ ފަރާތުން ބަނދަރު މައްޗަށް ރައީސަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން އެއްވެފައި ތިއްބާ އެ ތަނުގައި ތިބި ފުލުހުންނާއި، ދައުވާ ލިބޭ މީހުންނާ މެދު ހިނގި ހަމަނުޖެހުމެއްގައި އަބްދުﷲ ވަހީދާއި އުބައިދުﷲ ސައީދު ހައްޔަރުކުރަން އުޅުމުން އެ މީހުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސީހު އަބޫބަކުރު ފުލުހެއްގެ ލޯމަތީގައި ޖަހާފައިވާތީ އާއި ދައުވާ ލިބޭ މީހުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ޔުނީފޯމުގައި ހިފާ ދަމާފައިވާތީ އެ މީހުންގެ މައްޗަށް ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމާއި ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.
ދައުވާ އިއްވުމުން އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށް ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ހެކި ހުށަހަޅުމުގެ ފުރުސަތު، ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ދީފަ އެވެ. އަދި ވަކީލުން އައްޔަންކުރަން ވެސް ދައުވާ ލިބޭ މީހުންނަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި ހެކި ހުށަނާޅައިފިނަމަ ނުވަތަ ވަކީލަކު އައްޔަންނުކޮށްފި ނަމަ އިތުރު ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.
މައުމޫން ދިއްދު އަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ