ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދާ ގާތަށް އެ ކޯޓުން މައްސަލަ ނިންމައިފި
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާ ގާތްކުރާ އަދަދަކަށް އެ މުއްދަތުގައި އެ ކޯޓުން މައްސަލަތައް ނިންމައިފި އެވެ."ހަވީރަ"ށް ލިބިފައިވާ ޖުވެނައިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކޯޓަށް 49 މައްސަލައެއް ހުށަހެޅުނުއިރު އެ މުއްދަތުގައި 47 މައްސަލައެއް އެ ކޯޓުން ނިންމި އެވެ. އެ މުއްދަތު ނިމުނުއިރު އެ ކޯޓުގައި ބާކީ އޮތީ 26 މައްސަލައެއް ކަމަށް ވެސް އެންމެ ދެ ގާޒީން ތިއްބަވައިގެން މައްސަލަ ބަލަމުންދާ އެ ކޯޓުގެ ހިސާބުތަކުން ދައްކަ އެވެ.އެ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަހު 460 ކުއްޖެއްގެ ބަންދާ މެދު އެ ކޯޓުން ވަނީ ގޮތެއް ނިންމައިފަ އެވެ.އެ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު އިސްލާހީ ޕްރޮގްރާމްގައި ބައިވެރިވުމަށް 11 ކުއްޖަކު ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިނީ ދެ ކުއްޖަކަށެވެ. އަދި އެ މުއްދަތުގައި 13 ކުއްޖަކު އެ ޕްރޮގްރާމް ނިންމިއިރު ޕްރޮގްރާމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ތިން ކުއްޖަކު ހުކުމް ތަންފީޒު ކުރަން ފޮނުވާފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.ޖުވެނައިލް ކޯޓުން މިހާރު އަމަލުކުރަމުންދާ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަ މަސް ތެރޭގައި އެ މައްސަލައެއް ބަލައި ނިންމަންޖެހެ އެވެ. އެ ކޯޓުގައި މިހާރު ތިއްބަވަނީ ގާޒީ މުހައްމަދު ނައީމާއި ގާޒީ އަހުމަދު ޝަކީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ