ފަހުމީ މައްސަލައިގެ ޔައުމިއްޔާ ސުޕްރީމް ކޯޓަށް ދޭން ނުޖެހޭނެ ކަމަށް ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އަންހެން މުވައްޒަފަކަށް އެ ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހެޅި މައްސަލައިގެ ޔައުމިއްޔާތައް ހޯދަން ސުޕްރީމް ކޯޓުން މަޖިލީހަށް އެންގިޔަސް ދޭން ނުޖެހޭނެ ކަމަށް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ގާނޫނު އަސަސާސީގެ 88 ވަނަ މާއްދާގެ ށ. އާއި 90 ވަނަ މާއްދާގެ ހ. އަށް ބަލާއިރު ކޮމިޓީގެ ޔައުމިއްޔާތައް ކޯޓަށް ދޭން ނުޖެހޭނެ ކަމަށެވެ. މިގޮތަށް ފާސްކުރުމަށް ތިން ވޯޓް ލިބުނު އިރު ދެ މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދު ހެދުން ބަޔާންކޮށްފައިވާ ގާނޫނު 88 ވަނަ މާއްދާގެ ށ. ގައި ބުނެފައިވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ބަޔާންކޮށްފައިވާ 90 ވަނަ މާއްދާގައި ހ. ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހްގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ. މި ގޮތަށް ފާސްކުރުމަށް ކޮމިޓީ އަށް ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ފަނޑިޔާރުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ "ނިވަލުގައި" ތިބިއިރު، މަޖިލީހުން 90 ވަނަ މާއްދާގެ ހ. ގެ ދަށަށް ވަންނަން ޖެހޭނެ ކަމަށެވެ. އެ މާއްދާ އިން ލިބިދޭ އިމްތިޔާޒުގެ ބޭނުން ހިފަން ޖެހެނީ ކޮމިޓީންނާއި މަޖިލީހުގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމަކީ މުޅި މަޖިލީސް ކޯޓަށް ހާޒިރުކުރުން ފަދަ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ފަހުމީ މަގާމުން ވަކިކުރުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި އޮތަސް، އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ޔައުމިއްޔާތައް ހޯދަން ސުޕްރީމް ކޯޓުން ބޭނުންވަނީ "ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ނުތަނަވަސް ކަމުގެ ފައިދާ ނެގުމަށް" ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ ޔައުމިއްޔާތައް ދޭން ފާސްކޮށްފި ނަމަ މަޖިލިސް ބޭއްވުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. ވޯޓް ނެގިއިރު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ތިން މެމްބަރުންގެ އިތުރުން ޔައުމިއްޔާތައް ދޭން ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ތާއިދެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެއީ ދުސްތޫރީ މައްސަލައަކަށް ވުމާ އެކު ޔައުމިއްޔާތައް ނެތި ވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުންގެ ރިފަރެންސަށް ޔައުމިއްޔާތައް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ސިއްރު ކޮމިޓީއެއްގެ ޔައުމިއްޔާތަކަކަށް ވެފައި، އެ ތަކެތި ޝަރީއަތުގެ މަޖިލީހުގައި އާންމުކުރެވޭނެ ފަދަ ގޮތަކަށް ދޭން ތާއިދުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުޖުތާޒުގެ ވާހަކަތަކަށް ތާއީދުކުރައްވާ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ