ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވަ އާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ކުރީގެ ރައީސް މުހަންމަދު ނަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފެބްރުއަރީ 7 ގައި އޭރުގެ އިދިކޮޅު ބައެއް ޕާޓީތައް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިކަން "ފެބްރުއަރީ ހަތެއް" ފޮތުގައި ބުނެފި އެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން "ހަވީރު" ގެ އެޑިޓަރު މޫސާ ލަތީފު އަމިއްލަ ގޮތުން ލިޔުއްވި "ފެބްރުއަރީ ހަތެއް" ގައި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ، ފެބްރުއަރީ 7،6 ގައި ކަންތައް ވަމުން އައި ގޮތަށް ބަލައި ގާނޫނު އަސާސީއާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށް ނިންމައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގައުމީ ޕާޓީ އާއި އަދާލަތު އަދި ޑީއާރުޕީން ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހުގެ މެންދުރު ފަހު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެ މައްސަލަ އަނބުރާ ގެންނެވީ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
މޫސަގެ ފޮތުގައިވާ ގޮތުން އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ "މިއީ 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުން ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވިފައިވާ ގ. ކެނެރީގޭ އަލްފާޟިލް މުހަންމަދު ނަޝީދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން އެމަނިކުފާނު އުފުއްލަވައި، އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދުސްތޫރީ ޒިންމާތައް ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ގޮތަށް އުފުލުމުގައި ނުކުޅެދިފައިވުމާއި އެމަނިކުފާނުގެ ކިބައިގައި ގާނޫނު އަސާސީގައި ބުނާ ސިފަތައް ފުރިހަމަ ނުވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި ހުށަހަޅާ މައްސަލައެކެވެ،" މިހެންނެވެ.
ޑރ. ހަސަން މިއަދު "ހަވީރާ" ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ދައުވާ ހުށަހެޅުއްވުމުގެ ބޭނުމަކަށް ވީ ގާނޫނު އަސާސީގެ 106 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނަޝީދު ނުކުޅެދިފައިވާކަން ކަނޑައަޅައި ދިނުން ކަމަށެވެ.
"ކުރުކޮށް ބުނާ ނަމަ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކަނޑައަޅާފައިވާ ހުރިހާ ކަމަކުން ރައީސް ނަޝީދު މަހުރޫމް ވެއްޖެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާ ހިލާފުވެއްޖެ. ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ނުކުރުމާ ހިލާފުވެއްޖެ. ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވުމާ ހިލާފުވެއްޖެ. ކޯޓުތަކުގެ އަމުރުތަކަށް ކިޔަމަނެއް ނުވި. ސިފައިންނާއި ފުލުހުން އޭރު ތިބީ މަގުމައްޗަށް ނުކުމެ، އެ މީހުންނަށް ޣައިރު ގާނޫނީ އަމުރުކުރާތީ އެކަމާ ދެކޮޅަށް ތެދުވެފައި،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނަޝީދު ނުކުޅެދިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ވަޑައިގަތީ "ގޮތް ހުސްވުމުން" ނެވެ.
"އޭރު އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެ ދުވަހު ]ފެބްރުއަރީ 7 ގައި[ ހުރިހާ ކޯޓުތައް އުވާލުމަށް މަސައްކަތް ކުރާނެ ކަމަށް. އެހެންވީމަ އާދަޔާ ހިލާފަށް ހަމަ މާ ބޮޑަށް ވެސް ގާނޫނު އަސާސީއާ ހިލާފަށް ރައީސް ނަޝީދު އަމަލު ކުރައްވާފައިވާތީވެ ޝަރުއީ މަރުހަލާ އަށް ދިޔައީ،" ޑރ. ހަސަން ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ނެރުނު "ފެބްރުއަރީ ހަތެއް" ގައި ޑރ. ހަސަން ވިދާޅުވެފައި ވަނީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ އަދި މިހާރު އިސްލާމިކް މިނިސްޓަރުގެ ނާއިބު އަސަދުﷲ ޝާފިއީ އަހުމަދުގެ ނަމުގައި ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
"މައްސަލަ އަނބުރާ ގެނައީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން. ދެން އެ މައްސަލަ ހުށަހަޅައިގެން މާ ބޮޑަށް ކުރިއަށް ދާން ބޭނުން ނުވީ،" އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ "ފެބްރުއަރީ ހަތެއް"ގައި އެ ދައުވާގެ ވާހަކަ ލިއުއްވީ، ރައީސްކަމުން ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ރާއްޖޭގައި އަނެއްކާވެސް ޝަރުއީ އަދި ސިޔާސީ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އުފެދުމުގެ ފުރުސަތު އޮތުމުންނެވެ.
"އަޅުގަނޑަށް ތަސައްވުރުކުރެވޭ މިސާލަކަށް އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާ ވެރިކަމުގައި ހުންނެވި ނަމަ އަދި ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުނު ނަމަ ވަރަށް ބޮޑަށް ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވީސް،" މޫސަ ވިދާޅުވި އެވެ. "ސުޕްރީމް ކޯޓު ދޮށް ވެސް އަމާންވާނެހެންނެއް ހިއެއްނުވޭ. ހަގީގަތުގައި އެއީ ވަރަށް ބޮޑު ދައުވާއެއް. ހަމައެހާމެ ބޮޑު މައްސަލަގަނޑެއް ވެސް އުފެދުނީސް."
"ފެބްރުއަރީ ހަތެއް" މިހާރު ދަނީ ވަރަށް ބާރަށް ވިކެމުންނެވެ. މިއީ މިފަހުން ރާއްޖޭގައި ނެރުނު އަދި އެންމެ އަވަހަށް ވިކެމުން އަންނަ ފޮތް ކަމަށް ބައެއް ބުކްޝުޕްތަކުން ބުނެ އެވެ.
އިސްތިއުފާގެ ކުރިން ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި: ފެބްރުއަރީ ހަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ