ސުޕްރީމް ކޯޓުން ހުކުމްކުރީ ދުވަހަކު ވެސް ނެތް ވަރަށް ޖުޑީޝަރީގެ ނުފޫޒު ގަދަކުރަން: އެމެރިކާ

ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގައި ފެނިފައި ނުވާ ފަދަ މިންވަރަކަށް ޝަރުއީ ނިޒާމުގެ ނުފޫޒު ގަދަކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ޖެން ސެކީ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ހުކުމާ ދެކޮޅު ހަދާ ކަމަށެވެ. އަދި އެއީ ތަފާތު އެކި ފަހަރު މަތިން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ޝަރުއީ ނިޒާމުން މަސައްކަތްކޮށްފައިވީ ނަމަވެސް ކާމިޔާބު އިންތިޚާބުތަކެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ މިނިވަން މުއައްސަސާއެއްގެ ބާރުތަކަށް އަރައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންތިޚާބު ބޭއްވުމުގެ ޒިންމާ އުފުލަން ޖެހޭ އޮފިޝަލް ޖަލަށް ލުމަށް ހުކުމް ކުރުމަށް ފަހު، ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް މާޗު 22 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އެންގުމަކީ ސަރުކާރުން ޑިމޮކްރެސީ އަށް ދޭ އަހައްމިއްޔަތުކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް،" ސުޕްރީމް ކޯޓުގެ ހުކުމާ ވަރަށް ހަރުކަށި އިބާރާތުން ދެކޮޅު ހަދާފައިިވާ ބަޔާނުގައި ސެކީ ވިދާޅުވި އެވެ.
އެމެރިކާގެ އިތުރުން ކެނެޑާ އިން ވެސް އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ޕާލިމެންޓްރީ ސެކްރެޓަރީ ދީޕަކް އޮބްރާއީ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ހުކުމުން، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސުޕްރީމް ކޯޓުން މަސައްކަތްކުރަމުންދާ ކަން ދޭހަވާ ކަމަށެވެ.
"މިނިވަންކަމާ އެކު ފުރިހަމަ ގޮތުގައި މަސައްކަތްކުރެވޭ ފަދަ އިލެކްޝަންސް ކޮމިޝަނެއް ގާއިމުވެފައި އޮތުމަކީ ހަގީގީ ޑިމޮކްރެސީއެއްގެ އެއް އަސާސް. އެ ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމަށް އަނެއްކާ ވެސް އަރައިގަތުމަކީ ރާއްޖެ ޑިމޮކްރެސީ އަށް އަންނަމުންދާ ޑިމޮކްރެޓިކް ބަދަލުތަކާ މެދު ސުވާލު އުފެދޭ ކަމެއް،" އޮބްރާއީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަންތެރިވި ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަ މަހަށް ޖަލަށް ލުމަށް އެ ކޯޓުން އާދިއްތަދުވަހު ވަނީ ހުކުމްކޮށްފަ އެވެ. އަދި ފުއާދާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު، ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމުގެ ހައްގާއި ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.
މީގެ އިތުރުން، މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެ ތާރީހުގައި ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ހަ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ