އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލް އަޅާނީ ލިންކް ރޯޑް ކުނިކޮށި ސަރަހައްދުގައި

ފެބްރުއަރީ 8، 2012 ގައި ރޯކޮށް އަންދާލި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލްގެ ބަދަލުގައި އާ އިމާރާތެއް ހަދާ އިރު އެތަން ހަދާނީ ލިންކް ރޯޑްގައި ހުންނަ ކުނިކޮށި ސަރަހައްދުން ދޫކޮށްފައިވާ ބިމެއްގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވަނީ ކައުންސިލުން ބިމެއް ހަމަޖައްސައި ދީފައިވާ ކަމަށް ރޭ ވިދާޅުވެފަ އެވެ.
އަދި ބޭރުގެ އެހީ ހޯދައިގެން އެ ބިމުގައި ވަރަށް އަވަހަށް ޓްރޭނިން ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. ރޭ ބޭއްވި ފުލުހުންގެ ޖަލްސާގައި ކައުންސިލަށް ފުލުހުން ހަނދާނީ ފިލައެއް އަރުވަނީ.-- ފޮޓޯ: ކައުންސިލް
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "ހަވީރަ" ށް މިއަދު ވިދާޅުވީ ޓްރޭނިން ސްކޫލް ގާއިމު ކުރަން ފުލުހުންނަށް "ރުއްޖެހެރަ" ގައި ހުންނަ ކުނިކޮށީގެ އުތުރުން އޮތް ބިން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
ހިތަދޫ އާރްއޭއެފް ސަރަހައްދުގައި ޓްރޭނިން ސްކޫލް ގާއިމުކުރަން ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން 2012 ގައި ވެސް ކައުންސިލާއި ފުލުހުންނާ ދެމެދު މަޝްވަރާތަކެއް ކުރެވިފައިވެ އެވެ.
ސޯބެ އިތުރަށް ވިދާޅުވީ ކައުންސިލްގެ ވިސްނުން ހުރީ ހިތަދޫ ލިންކް ރޯޑްގައި ކުރިން ޓްރޭނިން ސްކޫލް ހުރި ބިމުގައި އައްޑޫގައި އަޅާ 100 އެނދުގެ އާ ހޮސްޕިޓަލް އަޅަން ކަމަށެވެ.
އެހެންވެ 2009 ގައި ލޭންޑް ޔޫޒް ޕްލޭން ހެދި އިރު ވެސް، ހޮސްޕިޓަލް އެތަނުގައި އަޅަން ޕްލޭންކޮށްފައިވެ އެވެ.
"އަޅުގަނޑުމެން އަދިވެސް ލޮބީ ކުރާނީ އާ ހޮސްޕިޓަލް އަޅަން އައްޑޫން އެންމެ އެކަށީގެންވާ ބިމަކީ ޓްރޭނިން ސްކޫލް ހުރި ބިން ކަމަށް. ކައުންސިލްގެ މިދިޔަ ދައުރުގައި ވެސް މި ވާހަކަ ސަރުކާރާ އެކު އެކި ފަހަރު މަތިން ހިއްސާ ކުރެވިފައި ވާނެ،" މޭޔަރު ވިދާޅުވި އެވެ. "ހުރިހާ ގޮތަކަށް ބަލާ އިރު އައްޑޫގެ ހުރިހާ ރަށެއްގެ ބަޔަކަށް ވެސް ހޮސްޕިޓަލަށް އެކްސެސްވާން އެންމެ ބޮޑަށް ފަސޭހަ ވާނީ ޓްރޭނިން ސްކޫލް ހުރި ތަނުގައި ހޮސްޕިޓަލް އަޅައިގެން. އަނެއްކާ އިތުރަށް ޖާގަ ބޭނުންވެއްޖެ ހާލަތެއްގައި ހޮސްޕިޓަލަށް ޖާގަ އިތުރު ވެސް ކުރެވޭނެ އެ ސަރަހައްދުގައި ހޮސްޕިޓަލް ބިނާ ކުރީމަ."
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އާ ހޮސްޕިޓަލް އަޅާނީ ކުރިން ވެސް އެކަމަށް ހަމަޖައްސާފައި އޮތް ބިމުގައި ކަމަށެވެ. އެއީ ހިތަދޫ ޒޯން ސްޓޭޑިއަމްގެ އުތުރުން އޮތް ބިމުގަ އެވެ. އަދި މި މަޝްރޫއަށް ލޯން ވެސް ލިބިފައި ވަނީ އެތަނުގައި ހޮސްޕިޓަލް އަޅަން ކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.
"އެކަމަކު އެ ސަރަހައްދަކީ ކުރިއަށް އޮތް ތަނުގައި ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރަންވެއްޖެ ނަމަ ބޭނުން ކުރަން އެންމެ ރަނގަޅު ބިން. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ކުޅިވަރު ސްޓޭޑިއަމެއް ހުރި ތަނެއްގައި ހޮސްޕިޓަލެއް އެޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް،" މޭޔަރު ވިދާޅުވި އެވެ. "އެހެންވެ މި ސަރުކާރުން އެކަމާ ދޭތެރޭ ފުންކޮށް ވިސްނަވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ."
ސަތޭކަ އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރުގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ