ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނީވެސް 42 މެންބަރުންގެ ސޮޔާއިއެކުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު، އެކަންކުރި މެންބަރުންގެ "ހަމަބުއްދި" ކޮބައިތޯ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ސުވާލްކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާނޫނޫ އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ 29 މެންބަރުންގެ ސޮޔާއިއެކު ހުށައެޅިދާނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށައަޅަންޖެހެނީ 42 މެންބަރުންގެ ސޮޔާއިއެކުކަމަށެވެ. އެހެންކަމުން އެ ބަދަލު މަޖިލީހުގެ ގަވާއިދަށް ގެނައި މެންބަރުންގެ ހަމަ ބުއްދި ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނީވެސް 42 މެންބަރުންގެ ސޮޔާއިއެކުކަމަށް ގެނައި ބަދަލު މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވަނީ އިއްޔެ އެކަމަށް ޚާއްސަކޮށް ބޭއްވި ޖަލްސާއެއްގައެވެ.
މަޖިލީހުގެ އާންމު ކޮމެޓީން މި އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ފާސްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ކުއްލިގޮތަކަށް އާންމު ކޮމެޓީގެ ބައްދަލްވުމެއް ބޭއްވުމަށްފަހުއެވެ.
ސަރުކާރަށް ވަފާތެރި މެންބަރުން އެކަނި ޗެންބަރުގައި ތިއްބައިގެން ނެންގެވި މި ވޯޓަށްފަހު މި އިސްލާހު މަޖިލީހުގެ ގަވާއިދުގައި ހިމަނުއްވާކަމަށް މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އިއްޔެ މަޖިލީހުން އެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫން އަސާސީއާއި ޚިލާފަށް ގެނެސްފައިވާ އިސްލާހެއްކަމުން އެ އިސްލާހަށް ވޯޓަށް އެހިއިރު އިދިކޮޅު ހުރިހާ މެންބަރުން ވަނީ މަޖިލީހުގެ ޗެންބަރު ދޫކުރައްވާ ވަޑައިގެންފައެވެ.
މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައި މެމްބަރުންގެ ހަމަބުއްދި ކޮބާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ