ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފު ލިބުމަށް ހުރަސްއެޅިދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނާޒިމްގެ އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަަމަށާއި އެތަކެއްޗާ ނާޒިމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާ ގުޅިގެން ބަޔާނެއް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވާ ވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އަދީބަށް ދީފިނަމަ، އެކަމުގެ ނަތީޖާ ރަގަޅު ނުވާނެ ކަމަށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވައިފިނަމަ، އަދީބުގެ ފަރާތުން ލިބެން އޮތް ހެކި ގެއްލި، ނާޒިމަށް އިންސާފު ލިބުމަށް ހުރަސްއެޅިދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިބާވަތުގެ ހެކިބަހަކީ ހުވާކޮށްގެން ހުރެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ދިނުމުން މެނުވީ ސައްހަނުވާނެ ހެކިބަހެއްކަންވެސް އުމަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަކީ މިވަގުތު ރަގަޅުކަމެއް ނޫން ކަމަށާއި، އަދީބު ފޮނުވައިފިނަމަ އޭނަ ފިއްލަވާނެ ކަމާއިމެދު ޝައްކެއް ނެތް ކަަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމުގައި ހުންނަވަނިކޮށް އެދުނުނަމަވެސް މިހާލަތުގައި އަދީބު ރާއްޖެއިން ބޭރަށް ނުފޮނުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އެހެން ސިޔާސީ ބޭފުޅުންނާ އަދީބާ ވަރަށް ތަފާތު ކަމަށާއި އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށެވެ.
އަދީބު ކުރެއްވި ކުށްތަކަށް ގާނޫނީގޮތުން ލިބެންޖެހޭ ހައްގު އަދަބު ލިބެންޖެހޭ ކަމަށާއި އަދީބަކީ ބަތަލަކަށް ހަދައިގެން ބަޔަކު އުޅުނަސް ހަގީގަތް ބަދަލުނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެކަމަކު އަދީބަށް ވެސް ބޭސްފަރުވާ ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގައިދީން ބޭސްފަރުވާއަށް ކޮންމެހެން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަަމަށް ގާނޫނުގައި ވެސް ނޯންނަ ކަމަށެވެ. ރާއްޖެއިން ކޮށްދެވެން އޮތް އެންމެ ރަގަޅަކަށް ގައިދީންނަށް ބޭސްފަރުވާ ކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން އަދީބަށްވެސް އެކަށީގެންވާ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާކަން އޭނާގެ އާއިލާއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، އެތެރެހަށީގައި ސިސްޓް އުފެދުމާއި، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުން ހިމެނެއެވެ. ނަމަވެސް މިކަންކަމަށް އެކަށީގެންވާ ފަރުވާ އަދީބަށް ނުލިބޭ ކަމަށް ބުނެ އާއިލާއިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފަރުވާ ނުކުރެވިއްޖެނަމަ އަދީބުގެ ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ބުނެ، އާއިލާއިން ވަނީ އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެދިފައެވެ.
ސަރުކާރުން ބުނެފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަަވާފާނެ ކަމަށާއި އޭރުން ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ.
އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ނާޒިމަށް އިންސާފު ގެއްލިދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ