ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މުއައްސަސާތަކުން އަމަލުކުރުމަށް ދީބާޖާއިން އެދިއްޖެ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓަށް އެކު ދިވެހި ސަރުކާރުން ސޮއިކުރި އެއްބަސްވުން ގަވާއިދާ ޚިލާފަށް ބާތިލް ކޮށްފައިވާތީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތައް ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް އަމަލުކުރުމަށް އެކުންފުނިން އެދިއްޖެއެވެ.
ދީބާޖާއާއިއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭ ކަމަށް ބުނެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެކޯޓުން ހުކުމް ކޮށްފައިވަނީ އެކުންފުންޏާ އެއްކޮޅަށް އަދި އެމައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްފައެވެ.
ހައިކޯޓުން ކުރި ހުކުމް ދީބާޖާއިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ.
އަދި އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ދީބާޖާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު، ގާނޫނާ ޚިލާފަށް ބަލައިގެންފައިވާ މައްސަލައެއްގައި ކުރާ ހުކުމް ބާތިލްވާނެކަން އެނގޭ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް އަމަލުކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އަދަދު ދީބާޖާއަށް ލިބެންޖެހޭ ގޮތެއް ސާފުނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައިވާތީ އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ އަގުވެއްޓޭ ގޮތަށް އެޓާނީ ޖެނެރަލް މީޑިއާގައި ވާހަކަ ދައްކަވަމުންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.
އަދި އެކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އޮޑިޓް ހަދާފައިވަނީ ދުނިޔޭގެ މަޝްހޫރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގްގެ ފަރާތުން ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ސިވިލް ކޯޓުގެ ގާޒީއަކު އޭނާއަށް ގުޅުއްވުމަށްފަހު އެ މައްސަލާގެ މައުލޫމާތު ހޯއްދެވި ކަމަށެވެ.
އަދި އެމައްސަލާގައި ނުރަނގަޅު ކަންތައްތަކެއް އުޅޭ ކަމަށް ބެލެވޭތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައިވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޓާނީ ޖެނެރަލް ރިއްފަތު ވަނީ ދީބާޖާއާއެކު ކޯޓުން ބޭރުން އެ މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން އެ ފުރުސަތު ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީވެސް ފޮނުއްވާފައެވެ.
ދީބާޖާއާއިއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭ ކަމަށް ބުނެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއިން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެއްބަސްވުން 29 މޭ 2013 ގައި އުވާލީ ބ. ފުޅަދުއާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީކަން އޭރުގެ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އަދި އެއްބަސްވުން އުވާލީ ޚިދުމަތް މެދުކެނޑުނު ކަމަށް ބުނާ ދުވަހާއި ޖެހިގެން އައި ދުވަހު ކަމަށާއި އެ ދެމެދުގައި ފަސް ދުވަސް ހޭދަވެފައި ނުވާތީ އެއްބަސްވުން އުވާލީ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން އެނގޭ ކަމަށް އެހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ