ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ގާސިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އަމުރުކޮށްފައިވީ ނަމަވެސް ހުކުމާ އެއްގޮތަށް މުއައްސަސާތަކުން އެކަން ހަމަޖައްސައިދީފައި ނުވާތީ ގާސިމްގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެެ.
'
ގާސިމްގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި، އެމަނިކުފާނަށް ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑަައިގަތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާސަތަކުގެ މައްޗަށް ކަނޑައެޅިގެން އަންގައި އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ފަދައިން ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގަތުމުގެ އިންތިޒާމު މިއަދާ ހަމައަށް ވެސް ހަމަޖެހިފައި ނުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށްވެސް މިބަޔާނުގައިވެ އެވެ.
ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަނޑައެޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ކޯޓުން ހުކުމްކުރުމުން، އެއަމުރުގެ ބާރުވެރިކަން ގެއްލިގެންދާ ގޮތަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް އަމަލުކުރެވިގެން ނުވާނެ ކަމަށްވެސް މިބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓުން ވަކިގޮތަކަށް އަމަލުކުރަން އަމުރުކޮށްފައި ވަނިކޮށް، އެއަމުރު ތަންފީޒު ވިޔަ ނުދިނުމަށް އެއްވެސް ފަރާތަކުން އެއްވެސް ގޮތަކުން ދަތިކުރުމާއި ހުރަސްއެޅުމަކީ ގާނޫނުލްއުގޫބާތުގެ 534 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ޖިނާއީ ކުށެއް ކަމަށެވެ. އެހެންކަމުން އެކަމަކީ ކަމާބެހޭ މުއްސަސާތަކުގައި ތިބި ފަރާތްތަކުން ފަރުދީ ގޮތުން ޖިނާއީ ޒިންމާ ނަގަންޖެހޭނެ އަމަލެއް ކަމަށްވާތީ، އެކުށަށް އަރައިނުގަތުމަށް ވެސް މިބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ގާސިމް އިބްރާހީމް ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި ފަރުވާ ހޯދުން ލަސްވާނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވެދާނެ ކަަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ. ގާސިމްގެ ގާނޫނީ ޓީމުން ޑޮކްޓަރުންގެ ލިޔުންތައް ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް ފޮނުވާފައިވާއިރު މިއަދާ ހަމައަށްވެސް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓު ފިޔަވާ އެހެން މުއައްސަސާ އަކުން ހުއްދަ ދީފައެއް ނުވެ އެވެ.
ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ކޮށްފައިވާތީ އެމަނިކުފާނު އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ