އީގަލްސް އިން މާޒިޔާ ހިފަހައްޓައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ކްލަބް އީގަލްސް އިން 1-1 އިން މެޗު އެއްވަރުކޮށްފި އެވެ. މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވެ އަދި މިހާތަނަށް ނުވަ މެޗު ކުޅެފައިވާ މާޒިޔާއާ ދެކޮޅަށް، ސީޒަނުގެ ފުރަތަމަ މެޗު ކުޅުނު އީގަލްސް އިން ރަނގަޅު ކުޅުމެއް މިއަދު ދެއްކި އެވެ. މިއަދުގެ މެޗުގެ 14 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މުހައްމަދު އުމެއިރު އޭރިއާ ތެރެއިން ޖައްސާލި ބޯޅަ، އަސަދުﷲ އެއް ފަހަރުން ޖަހައި ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މާޒިޔާ އަށް މައްސަލަތަކެއް ދިމާވީ، ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އިތުބާރު ޑިފެންޑަރު ޒިވްކޯ ޓަރަޑޯފް ކުޅުމާ ދުރަށް ދާންޖެހުމުންނެވެ. މާޒިޔާގެ ލަނޑަށް ފަހު އީގަލްސް އިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 45 ވަނަ މިނެޓުގައި ކެޕްޓަން އިސްމާއިލް އީސާ (މެސީ) އެވެ. އަބޫ ޑެސްމޮންމަންޑް މަންސާރޭ ދިން ބޯޅަ، އޭރިއާ ރޮނގު މަތިން މެސީ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ދެ ވަނަ ހާފުގައި އަލުން ލީޑު ނަގަން މާޒިޔާގެ ސްޕެއިން ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. އެގޮތުން 53 ވަނަ މިނެޓުގައި އުމެއިރު ނެގި ހިލޭ ޖެހުމުން ހުރަސްވި ބޯޅަ، ގޯލް ކުރިމަތީ ހުހަށް ހުރި ޕަބްލޯގެ ބޮލުގައި ޖެހިފައި ގޯލަށް ނުވަނީ ކިރިޔާ އެވެ. އަދި 71 ވަނަ މިނެޓުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާ އަށް މެޗު ފެށުނީ ތަންކޮޅެއް މަޑުމައިތިރިކޮށް ކަމަށާއި މިއީ ވަރަށް އާދައިގެ މެޗެއް ކަމަށެވެ. "ދެ ޓީމަށް މާގިނަ ފުރުސަތެއް ނުލިބި، ލިބުނު ފުރުސަތުގެ ބޭނުން ހިފިތަން ފެނުނީ،" ސުޒޭން ބުންޏެވެ. އޭނާ ބުނީ ލީގުގެ ކުރީކޮޅު ޕޮއިންޓް ގެއްލުމަކީ މައްސަލައެއް ކަމަށާއި އެކަމަކު އަދި މާޔޫސްވާން ނުޖެހޭ ކަމަށެވެ. "މި ޕޮއިންޓްތައް ރިކަވާކުރެވޭނެ. އެއީ އެހެން ޓީމުތައް އަތުން ވެސް އަދި ޕޮއިންޓްތައް ގެއްލޭނެތީ. އެހެންވީމާ އަދި މާޒިޔާ މާޔޫސްވާކަށް ނުޖެހޭ،" ސުޒޭން ބުންޏެވެ. ސުޒޭން ބުނީ ލީގުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށާއި އެކަމަކު ޓީމުތަކުން މެޗު ލަސްކުރާ މައްސަލަަ އަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. "ކޮންމެހެން މި މެޗުގެ ވާހަކައެއް ނޫން މިއީ. ވަރަށް ގިނައިން ދިމާވާ މައްސަލައެއް މިއީ. މޮޅުވެފައި އޮންނަ ޓީމުން ނޫނީ ޕޮއިންޓަކަށް ހިފާ ޓީމުން ލަސްކުރާ މައްސަލަ ވަރަށް ބޮޑު. މީގެ ސަބަބުން ސަޕޯޓަރުން މާޔޫސްވޭ. މިކަމަށް ހައްލެއް ގެނެވެނީ ހަމައެކަނި ރެފްރީންނަށް ނޫން. އެއްމެންވެގެން މިކަމަށް ހައްލު ހޯދަން ޖެހޭ،" ސުޒޭން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ