ދިވެހިންނަށް މުސްތަގުބަލު އޮތީ ރިޔާސީ އިންތިހާބުގައި ނިންމާ ގޮތަކުން: ގާސިމް

ދިވެހިންގެ ސަލާމަތާއި މުސްތަގުބަލް ގުޅިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖޭޕީން މިރޭ ފ. ބިލަތްދޫގައި އެ ޕާޓީގެ މާލަމެއް ހުޅުވަން ބޭއްވި ޖަލްސާގަ އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ވެރިކަމަށް ބޭފުޅަކު ގެނައުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިފައިވާއިރު އަމާނާތްތެރިކަމާއެކު ކަންކަން ކޮށްދެވޭނެ ބޭފުޅަކަށް ރައްޔިތުން ވޯޓް ދޭންޖެހޭނެ ކަމަށާއި، އެހެން ނޫނީ ކަންކަން ބޮއްސުންލައިގެންދާ މަންޒަރު ދުނިޔޭގެ ގައުމުތަކުން ފެންނަ ފަދައިން ރާއްޖެއިން ވެސް ފެނިގެން ހިގައިދާނެ ކަމަށެވެ.
ގާނޫނު އަސާސީގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދީފައިވާތީ ބައެއް ފަރާތްތަކުން އެބަޔަކު ބޭނުންވާ ގޮތަށް ކަންކަން މާނަކޮށް ހިޔާލުފާޅު ކުރަމުންދާ ކަމަށާއި ނަމަވެސް ގާނޫނުތައް މާނަކޮށް ގާނޫނުތަކުން ލިބިދޭ ބާރުތައް ބޭނުން ކުރަންޖެހޭނީ ގައުމުގެ އަމާންކަން ނުގެއްލޭ ފަދަ ގޮތަކަށް ކަމަށެވެ.
"ރައްޔިތުން ތަނަވަސް ދިރިއުޅުމެއް ބޭނުންވާނަމަ ގާނޫނުތަކަށް އިހްތިރާމް ކުރަންޖެހޭނެ. އަމިއްލަ ފައިދާއަށް ކަންކަން ކުރަން އުޅޭ މީހުންނާއި ގައުމުގެ އިގްތިސޯދީ ސިނާއަތްތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތަކަށް ގައުމުގެ ވެރިކަމުން ފުރުސަތު ދީގެން ނުވާނެ،"
މި ރޭ ވެސް ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ ނަޝީދަކީ އަމިއްލަފުޅަށް ބަޣާވާތް ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ނަޝީދަށް ދެވަނަ ފުރުސަތެއް ދީފިނަމަ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި 2008 ގެ ރިޔާސީ ކެމްޕޭނުގައި އަތްޕުޅުގައި ފައިސާ ނެތް ބޭފުޅަކު މިއަހަރުގެ ކެމްޕޭނުގައި މަހުޖަނަކަށް ވެގެން އެވާހަކަ ދައްކަވާ އަދި ބޮޑެތި ހަރަދުތައް ކުރައްވަމުން ގެންދަވާތީ ނަޝީދު ފައިސާ ހޯއެއްދެވި ގޮތެއް ބަލަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ބިލަތްދޫ ބަނދަރުގެ މައްސަލައިގައި ފުލުހުންނާއި ރަށުގެ ރައްޔިތުންނާއި ދެމެދު މިއަދު އެ ރަށުގައި ހިނގައިފި ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ ބިލަތްދޫ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ