މާލީ ދާއިރާގެ ޝަރަފުވެރި އެވޯޑެއް ބީއެމްއެލް ލައިޓަށް ލިބިއްޖެ

މާލީ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް، "ފައިނޭންޝަލް ވޯލްޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލް އިން ދާދި ފަހުން ހުޅުވި "ބީއެމްއެލް ލައިޓަ"ށް ލިބިއްޖެ އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ލަންޑަންގައި އޮތް ހަފްލާއެއްގައި އެވޯޑްތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފައިވާ އިރު ބީއެމްއެލް އަށް ލިބުނީ "އެކްސެލެންސް އިން ކަސްޓަމާ އެކްސްޕީރިއަންސް" ކެޓަގަރީންނެވެ. އެ ބައިން އެވޯޑް ދެނީ މާލީ އިދާރާތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުކުރުމަށް ހިންގާ ފާހަގަކޮށްލެވޭ މަޝްރޫއުތަކަށެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރު ތިރީގައި ހުންނަ ބީއެމްއެލް ލައިޓަށް އެ އެވޯޑް ލިބުނީ އެ ބްރާންޗާ އެކު ރާއްޖޭގެ ބޭންކިންގެ ހިދުމަތަށް މުޅިން އާ ކޮންސެޕްޓެއް ތައާރަފްވެ ހަފްތާއަކު ހަ ދުވަހު ބޭންކިންގެ ހިދުމަތް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވުމުންނެވެ. އަދި ކިޔޫގައި މާ ގިނަ އިރު ތިބެން ނުޖެހި ވީހާވެސް އަވަހަކަށް ބޭންކިންގެ ހިދުމަތްތައް ލިބޭނެ އިންތިޒާމް އެތަނުގައި ހަމަޖެހިފައި ހުރުމަކީ ވެސް އެވޯޑް ލިބުމުގެ ސަބަބެކެވެ. އެ އެވޯޑްގެ ފައިނަލިސްޓުންގެ ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ބޭންކްތަކުގެ ތެރޭގައި ހިމެނޭ، ބާކްލޭސް ބޭންކާއި މާލީ ދާއިރާގެ އެންމެ ބިޔަ ގުރޫޕް، "ޓެބް ފައިނޭންޝަލް ސާވިސަސް ގްރޫޕް" ވާދަކުރި އެވެ. ބީއެމްއެލް އިން ބުނީ އެ އެވޯޑް ލިބުމުން ރަމްޒުކޮށްދެނީ އެ ބޭންކުން އެޅި އެ ފިޔަވަޅުގެ ކާމިޔާބުކަމެވެ. އަދި އޭގެ ސަބަބުން ބޭންކްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ރަނގަޅު ކުރުމަށް ހިތްވަރު ވެސް ލިބިއްޖެ ކަމަށް ބޭންކުން ބުންޏެވެ. ދާދި ފަހުން ބީއެމްއެލްގެ ދޯނި ބޭންކިން އަށް ވެސް ވަނީ ބައިނަލްއަގުވާމީ އެވޯޑް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ