ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ސުޕްރީމް ކޯޓު ކަމަށް އެމްޑިޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށްހުންނަވާ، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ މުޅި ޝަރުއީ ނިޒާމު މިހާރު މިވަނީ ފެއިލްވެފައިކަމށާއި،ސުޕްރީމްކޯޓުންވަނީ މުޅި ޖުޑިޝަރީއާއި ފަނޑިޔާރުންތަށް ހައިޖެކްކޮށްފައި ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް ސުޕްރީމް ކޯޓުން، ދަށުކޯޓުގައި ބަލަމުންދާ މައްސަލަތަށް ނުބަލަން އަންގާކަމަށެވެ. އަދި ދަށުކޯޓުގައި ހިނގާ މައްސަލަތަށް ނަގައިގެން އެ މައްސަލަތަށް ފުރަތަމަ ސުޕްރީމު ކޯޓުގައި ބަލާގޮތަށްވެސް ހަމަޖައްސާކަމަށެވެ. ފުރަތަމަ ސުޕްރީމް ކޯޓުން މައްސަލަތަށް ބަލާނަމަ އިސްތިއުނާފުކުރަން ދާނެ ތަނެއް ނޯންނާނެ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
މީގެއިތުރުން އިބްރާ ވިދާޅުވީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާ ވަކީލުންގެ އަނގަ ބަންދުކުރަމަށްވެސް ސުޕްރީމު ކޯޓުން އަންނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީނާ ފުށުނާރާހާ ހިނދަކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ޝުއޫރުފާޅު ކުރެވޭނެ ކަމަށް އޮއްވާ، ވަކީލުންނަށް ޝަރުއީ ދާއިރާއާ ބެހޭ ގޮތުންނާއި ކޯޓުންތަކުން ކަންކަން ނިންމާ ގޮތާ މެދު ވާހަކަ ނުދެއްކޭ ގޮތަށް ސުޕްރީމް ކޯޓުން ގަވައިދެއް ހަދާފައިވާ ކަމަށެވެ.
އަދި އެކަން ތަންފީޒުކުރުމަށް، ސުޕްރީމްކޯޓުން ހުއްދަ ދޭ ފަރާތްތަކަށް ނޫނީ ވަކާލާތު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސަވާފައިވާ ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި މިކަންތައްތައް ކުރިއަށްދާނަމަ މުސްތަގުބަލުގައި މިގައުމުގެ ހުރިހާ ކަމެއް ނިންމާނީ ސުޕްރީމް ކޯޓުންކަމަށާއި، ސުޕްރީމް ކޯޓާ މެދު ރައީސުލޖުމްހޫރިއްޔާއަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އެއްޗެކޭ ނުބެނެވޭ ހާލަތަށް ކަންކަން ހިނގާދާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.
"ހަތެއް ފެބްރުއަރީގެ ކުރީގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހުރި ރައްޔިތުންގެ މަޖިލީހުގެ އެކި މެމްބަރުންނާ ގުޅޭ އެކި މައްސަލަތައް. މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތައްވެސް. އެއިން އެއްވެސް މައްސަލައެއް ނިމޭ ހިސާބަކަށް ނާދޭ. ހަތެއް ފެބްރުއަރީގައި ބަޣާވާތްގެނައުމަށްފަހު އެންމެ ފުރަތަމަ ނިމިގެންދިޔައީ އެމައްސަލަތައް. މި ޝަރީއަތްތަށް ނިމުނުއިރު ބާޣީ ސަރުކާރާ ގުޅިގެން އުޅޭ މީހުންގެ މައްސަލަތަށް ސާބިތެއް ނުވޭ. ބަޣާވާތާނުގުޅޭ ހުރިހާ މަޖިލިސް މެމްބަރުންގެ މައްސަލަ ސާބިތުވެ ނިމުނީ. އެމީހުން މެމްބަރުކަމުން ބޭރު ކުރީ. އެހެންވީމަ ސުޕްރީމުކޯޓު ސިޔާސީ ނުވެޔޭ ބުނީމަ އަޅުގަނޑު ހިނިއާދޭ. ސުޕްރީމް ކޯޓަށްވުރެ ސިޔާސީ އެއްވެސް ޕާޓީއެއް މިއަދަކު މިރާއްޖެއަކު ނެތް" އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓަކީ ގާނޫނުގެ ބެލެނިވެރިޔާ ނޫންކަމަށާއި ގާނޫނުގެ ބެލެނިވެރިންނަކީ ގައުމުގެ ރައްޔިތުން ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ގާނޫނު ނަގަހައްޓާ ފަރާތް ކަމަށާއި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފުވުމުން ކަންތައްވެގެން ދާނެ ގޮތް މިހާރު މިދަނީ ފެންނަމުން ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ސުޕްރީމް ކޯޓު: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ