އަނިޔާވެރިކަމާ ދެކޮޅަށް ނުކުތް މީހުންގެ ފަރާތުން ފެނުނީ އަނިޔާވެރިކަން: މައުމޫން
ސަރުކާރުގެ "އަނިޔާ ވެރިކަން" ނިންމަން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތް މީހުންގެ ފަރާތުން ފެނުނީ އަނިޔާވެރިކަން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫންގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވުމަށް މ. އަތޮޅަށް ވަޑައިގެންނެވުމުގެ ކުރިން، ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހިނގައި ދިޔަ ކަންކަން ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު މުޒާހަރާ ބޭއްވުމަށް ޕީޕީއެމުން ތާއީދުކުރި ނަމަވެސް ހުކުރު ދުވަހުގެ މުޒާހަރާގައި ފެނުނީ ސުލްހަވެރިކަން ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ހަގީގަތުގައި ވެސް އިންސާފަށް ލޯބިކުރާ، އެއްވެސް ބަޔަކަށް އަނިޔާ ނުކުރާ ބައެއް. އެ މީހުންގެ އަމަލުތަކުން އެއީ އަނިޔާކުރާ ބައެއް ކަމަށް ފެނިއްޖިއްޔާ އަނިޔާއާ ދެކޮޅު ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ،" މައުމޫން ވިދާޅުވި އެވެ. އިދިކޮޅު ޕާޓީތަކާއި ސަރުކާރުން މަޝްވަރާ ކުރުމާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ، މަޝްވަރާ ކުރުމަކީ ލާޒިމް ކަމަކަށް ނުވިޔަސް ސަރުކާރުން ބޭނުންވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށެވެ. އަދި މަޝްވަރާ ކުރާއިރު ދެ ފަރާތުގެ އިހްލާސްތެރިކަން ކުރިން އެނގެން ޖެހޭނެ ކަމަށާއި އެހެން ނޫނީ މަޝްވަރާގެ ބޭނުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މ. އަތޮޅަށް ފުރާވަޑައިގަތުމަށް މައުމޫން އެއް ނަމްބަރު ޖެޓީގައި: އެ ދަތުރުފުޅުގައި ދިއްގަރު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް ފާރިސްގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވާނެ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "މަޝްވަރާގެ އުސޫލަކީ އަޅުގަނޑު އަބަދުވެސް ތާއީދުކުރާ އުސޫލެއް. އަބަދުވެސް ކުރަމުން ގެންދަނީ ވެސް. އެހެން ނަމަވެސް މަޝްވަރާ ކުރާ ދެ ފަރާތުން ކުރެ އެއް ފަރާތަކީ މާ އަނިޔާވެރި ގޮތަކަށް އަމަލުކުރާ ފަރާތަކަށް ވަންޏާ، އަނެއް ފަރާތަކުން ވެސް ބޭނުމެއް ނުވާނެ އެ މީހުންނާ އެކީ މޭޒު ދޮށުގައި އިށީންނާކަށް. އެއީ ކަންނޭނގެ މިވާ ގޮތަކީ،" މައުމޫން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އަށް އެތައް ހާސް ބަޔަކު ނުކުމެފައިވާއިރު އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މައުމޫން ވިދާޅުވީ އެ މަނިކުފާނު އެ މަންޒަރު ޓީވީން ބެއްލެވި ކަމަށާއި އެކަމަކު އަދަދު އެއީ ބޮޑު އަދަދެއްތޯ ނުވަތަ ކުޑަ އަދަދެއްތޯ ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. "އަޅުގަނޑަކަށެއް ނޭނގެ، އެކި މީހުން އެކި އަދަދު ކިޔަނީ. އަދަދު ގިނަޔަސް މަދަސް އެއީކީ ކަމެއް ނޫން ދެއްތޯ؟ އެ އަދަދަށް ވުރެ މާ ގިނަވާނެ ގޭގައި ތިބި މީހުން. ކޮންމެ އަދަދެއް ކިޔަސް އެއަށް ވުރެ ގިނަވާނެ މުޒާހަރާ އަށް ނުނިކުމެ ތިބި މީހުން،" މައުމޫން ވިދާޅުވި އެވެ. ސުލްހަވެރި ނޫން މުޒާހަރާއެއްގައި އެކި ފަރާތްތަކަށް އަނިޔާވަމުންދާނަމަ އެކަން ހުއްޓުވުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ މުޒާހަރާ ކޮންްޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވިގޮތަށް މައުމޫން ވަނީ ތައުރީފްކުރައްވައިފަ އެވެ. އަދި އެ މުޒާހަރާ ކުރިއަށް ދިޔައިރު، ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވީ ވަރަށް ހަރުދަނާ ސިޔާސަތެއްކަން ފާހަގަ ކުރައްވައި މައުމޫން ޝުކުރު އަދާކުރެއްވި އެވެ. ފުލުހުން ޕްރޮފެޝަނަލްކަމާ އެކު ހަރަކާތްތެރިވަމުން ދަނިކޮށް، ބައެއް ފުލުހުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް މައުމޫން ވިދާޅުވި އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާ ގުޅޭގޮތުން ފާރިސް ވިދާޅުވީ ޕީޕީއެމުން ގުޅިގެން މަސައްކަތްކޮށް އެ ގޮނޑި ކާމިޔާބުކުރެއްވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ