މަރަދޫ ދާއިރާގެ މެންބަރު ކަމަށް ޖިނާހު ކެމްޕޭން ފަށައިފި

ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ކުރީގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޖިނާހު ވިދާޅުވީ އޭނާ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށާއި، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަރަށް އަވަހަށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑާ، އަޅުގަނޑުގެ ޓީމުން މިހާރު ކުރަމުން މިދަނީ 200 މީހުންގެ ސޮއި ހުށަހަޅަންޖެހޭތީ އެމަސައްކަތް. އިރާދަކުރެއްވިއްޔާ މިކަން ވަރަށް އަވަހަށް ނިންމާލެވޭނެ" މިވަގުތު އައްޑޫގައި ހުރި ޖިނާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ނިކުންނަވަން ނިންމެވީ ކީއްވެގެންތޯ ދެންނެވުމުން ޖިނާހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ކުރިއަށް ދެވެން އޮތީ ސިޔާސީ ޕާޓީއަކާއި ގުޅިގެން ކަމަށާއި، އަދި ސިޔާސީ މައިދާނަށް އަލަށް ނިކުންނަ ފަރާތްތަކާއި ޒުވާނުންނަށް އެފުރުސަތު އެންމެ ބޮޑީ އެމްޑީޕީން ކަމަށް ގަބޫލުކުރައްވާތީ އެޕާޓީ ހިޔާރުކުރީ ކަމަށެވެ.
"ހަގީގަތުގައި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އަޑު އުފުލާ ބައެއް. ރަގަޅު މެނިފެސްޓޯއަކާއި ތަސައްވުރެއް އޮތް ޕާޓީ އެއް. ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކުން މިމަންޒަރެއް ނުފެނޭ. އެހެންނަމަވެސް ރައީސް މައުމޫން އުފައްދަވާފައިވާ ޕީޕީއެމް މިވަގުތު އެ މިސްރާބަށް ދަތުރުކުރަމުން އެބަދޭ" ޖިނާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އަބަދުވެސް ގާނޫނީ ދާއިރާއަށް ޝައުގުވެރިވާތީއާ، މަޖިލީހުގައި ހިނގަމުންދަނީ ގާނޫނުތައް ހެދުމުގެ މަސައްކަތް ކަމަށްވާތީ އެކަމުގައި މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޖިނާހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމު މިއަދު އޮތް ގޮތުން އޭނާއަށް ސަރުކާރުގެ ތެރެއިން ވަޒީފާއެއް ހަމަޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން އޭނާއަށް އެންމެ ރަގަޅަށް ހިދުމަތް ކޮށްދެވޭނެ އެއް ދާއިރާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
"އަޅުގަނޑު މިއަދު މިހިސާބަށް މިއައީ ދިވެހި ދައުލަތުން އެތައް ހަރަދެއްކޮށް އަޅުގަނޑަށް ތައުލީމާ ތަޖުރިބާގެ ފުރުސަތު ހޯދައިދިނުމުން. ދައުލަތުން އަޅުގަނޑަށް ކިޔަވައިދިނުމުން އަޅުގަނޑުވެސް ބޭނުންވޭ ރައްޔިތުންނަށް ގައުމަށް ހިދުމަތް ކުރަން. އަދި އަޅުގަނޑަކީ މިފަހަކަށް އައިސް ހެދިފައިވާ ގިނަ ގާނޫނުތަކަކަށް އަޅުގަނޑުގެ އެހީތެރިކަމާ ސަޕޯޓް ދީފައިވާނެ މީހެއް. އެހެންވީމާ މަޖިލީހުގައި މަސައްކަތް ކުރަން އަޅުގަނޑަށް ވަރަށް ފަސޭހަވާނެ" ފުލުހުންގެ ފަރާތުން ޖިނާއީ ބޮޑެތި މައްސަލަ ތަކުގައި ކޯޓުގައި ކުރިން ވަކާލާތު ކުރައްވާފައިވާ ޖިނާހު ވިދާޅުވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގޮނޑިއެއް ލިބިއްޖެނަމަ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ގާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ގެނައުމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއަކީވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ ޕާޓީ އަކަށްވާތީ އެކަމުގައިވެސް އެހީތެރިވެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓް ލިބިވަޑައިނުގެންފިނަމަ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި، ޕްރައިމަރީގައި ޓިކެޓް ލިބިވަޑައިނުގެންފިނަމަ ޓިކެޓް ހޯއްދަވާ ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޕްރައިމަރީ މަރުހަލާގައި މާބޮޑު ވާދަވެރިކަމެއް ނުފެންނާނެ. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އެއީ ޓިކެޓް ލިބޭ ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުން" ޖިނާހު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވެސް ވާދަކުރައްވަ އެވެ.
ޕްރައިމަރީގައި ޝަރީފްގެ މައްޗަށް ކާމިޔާބު ހޯދޭނެތޯ ދެންނެވުމުން ޖިނާހު ވިދާޅުވީ ކާމިޔާބު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ މަރަދޫ މީހެއް. އަޅުގަނޑުގެ މަންމައާއި ބައްޕައަކީ ވެސް މިރަށުގެ މީހުން. އަޅުގަނޑުމެންގެ އާއިލާ ވެސް ވަކި ކުޑައެއް ނުވާނެ މިރަށަކު އެއް" ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އަންގައިގެން ޗީފް ސުޕްރިންޓެންޑެންޓެއްގެ މަގާމުން ސުޕްރިންޓެންޑެއްޓަކަށް މަގާމު ދަށްކޮށް އަދި އެއަށްފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރައްވާފައިވާ ޖިނާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ބައެއް ފަރާތް ތަކުން ފަށާފައިވާއިރު، ސަރުކާރު ކޯލީޝަނުގެ ފަރާތުން މަރަދޫ ދާއިރާއަށް މަޖިލީހުގެ އިންތިހާބުގައި ނިކުންނަވަނީ އެ ދާއިރާ މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ހަސަން އާދިލް ކަމަށް ވީނިއުސް އަށް އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 22 މާޗް 2014 ގަ އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމަށް އެމްޑީޕީން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ