މަދަނީ ކޯޓުގެ ކުރީގެ ގާޒީ ހިލްމީގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

އާންމު ތަނެއްގައި ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި މަދަނީ ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހިލްމީ އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން އަރުވާލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ހުޅުމާލޭ އަތިރިމަތީގައި ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ހިލްމީ އާއި ސ. ފޭދޫ ހުސްނުހީނާގޭ، އައިމިނަތު އަލީ 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ހަ މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހިލްމީ އާއި އައިމިނަތު ހައްޔަރުކުރީ ނޮވެމްބަރު، 2009 ގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހިލްމީ ހައްޔަރުކުރިއިރު އޭނާއަކީ މަދަނީ ކޯޓުގެ ގާޒީ އެކެވެ. އެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމާއެކު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޝަންގައި ހުއްޓާ ފަނޑިޔާރުން ދާއިމީ ކުރިއިރު ހިލްމީ ދާއިމީ ނުކުރި އެވެ. އޭގެފަހުން ހިލްމީ ވަނީ އައިމިނަތު އާއި ކައިވެނި ބައްލަވައިގެންފަ އެވެ. އެ ހިލްމީ މިހާރު މަސައްކަތް ކުރައްވަނީ އަމިއްލަ ލޯ ފާމެއްގައި ކަމަށް ވަނީ އެނގިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ