ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފިކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިދިއަ ބުރާސްފަތިދުވަހު މެމްބަރުންނަށް ފޮނުވާފައިވާކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ނ) ގައި ބުނަނީ މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައްސަލައެއް ލިބުމުން، އެމައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެމައްސަލައިގެ ނޯޓިސް މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަންވާނެކަމަށެވެ. އަދި އެނޯޓިސް ދިނުމަށްފަހު ރަސްމީ ބަންދުނޫން ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ހުށަހަޅަން ޖެހޭނެކަމަށެވެ.
އެމްޑީޕީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 27 މެމްބަރުންގެ ސޮޔާ އެކުގައެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ނިންމޭނީ މަޖިލީހުގެ އަގުލަބިއްޔަތު ކަމުގައިވާ 39 މެމްބަރުންގެ ވޯޓް ލިބިގެންނެވެ.
މަޖިލީހުގެ ރައީސް ނެރެފައިވާ ނޫސްބަޔާނުގައިވަނީ އެމަނިކުފާނު މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއްކޮށްފައި ނުވާނެކަމަށާއި، މަޖިލީހުގައި އެމައްސަލައާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް އެމަނިކުފާނު ހުރީ ތައްޔާރަށް ކަމަށެވެ.
އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ