ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، ލަތީފު ހުވާކުރުން ދަތި: ސަރުކާރު
ސިވިލް ސާވިސް ކޮމިޝަނުން މުހަންމަދު ފަހުމީ ހަސަން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އާ ރައީސް ޑރ. މުހަންމަދު ލަތީފު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަކީ ދަތި ކަމެއް ކަމަށް ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފި އެވެ. ޖޭއެސްސީ އަށް ޑރ. ލަތީފު އައްޔަން ނުކޮށް ގިނަ ދުވަސްވާ މައްސަލާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ހާޒިރު ކުރެއްވުމުން އޭނާ ތަކުރާރުކޮށް ވިދާޅުވީ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ނުވަތަ ސުޕްރީމް ކޯޓުން ކޮންމެވެސް ހައްލެއް ހޯދައި ދޭންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެހެން އޮއްވައި ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ޑރ. ލަތީފަށް ނުކުރެވޭނެ ކަމަށް ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވެސް ވިދާޅުވި ކަމަށެވެ. "އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެކަން ]ޑރ. ލަތީފު ހުވާކުރުން[ ނުކުރާކަށް ތިބީއެއް ނޫން. އެކަމަކު ކޯޓުގެ އަމުރު މިހެން އޮއްވައެއް އަޅުގަނޑުމެންނަށް އެކަމެއް ކުރެވޭކަށް ނެތް ޑރ. ލަތީފު ކޭސްގައި،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީގައި ޑރ. ނަޒީރު ވިދާޅުވި އެވެ. ސީއެސްސީގެ ރައީސަކީ މިހާރު ކޮން ބޭފުޅެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ "ތެދު ތެދަށް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ. "އެހެންވީމާ ކޮންމެވެސް ބަޔަކު އެބަޖެހޭ އެކަން ސާފުކޮށްދޭން،" ޑރ. ނަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސީއެސްސީގެ ރައީސަކީ ކޮން ބޭފުޅެއް ކަން ނޭނގެނީ "ސުޕްރީމް ކޯޓުގެ ހުކުމާ" ހެދި އެވެ. ކެބިނެޓް ސެކްރެޓަރީ ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް ޓީމުން ގާނޫނީ ލަފާ ދީފައި ވަނީ ފަހުމީގެ މައްސަލާގައި ނުވަތަ ސީއެސްސީގެ ރައީސަކީ ކޮން ބޭފުޅެއްތޯ ބެލުމަށްޓަކައި ސުޕްރީމް ކޯޓަށް ދެވޭނެ ގޮތް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި މި މައްސަލާގައި އޮތް ހައްލަކީ ސީއެސްސީން ފަހުމީ ވަކިކުރިކަން ރައްޔިތުންގެ މަޖިލީހުން ސާފުކޮށް ބުނުން ނުވަތަ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން މަޖިލީހުން ނުވަތަ ފަހުމީ ސުޕްރީމް ކޯޓަށް ވަޑައިގަތުން ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ. ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ސީއެސްސީގެ ރައީސަކީ ޑރ. ލަތީފު ކަމަށް ރައްޔިތުންގެ މަޖިލީހުން ވަރަށް ސާފުކޮށް ވަނީ އަންގައިފަ އެވެ. އަދި އެކަން ނުފެންނަނީތޯ ނުވަތަ ނީވެނީތޯ އޭނާ ދެންނެވުމުން ޑރ. ނަޒީރު ވިދާޅުވީ "އަޅުގަނޑަށް ނުފެންނަނީކީ ވެސް ނޫން، އަޅުގަނޑަށް އަޑު ނީވެނީކީ ވެސް ނޫން" ކަމަށެވެ. "އެކަމަކު އަޅުގަނޑު ދަންނަވަން އުޅޭ ވާހަކަ އަކީ މަޖިލީހުން ނިންމި ނިންމުންތަކަކަށް މި ރާއްޖޭގެ ސުޕްރީމް ކޯޓުން އެބައޮތޭ ހުކުމްތަކެއް ކޮށްފައި،" ކެބިނެޓް ސެކްރެޓަރީ ވިދާޅުވި އެވެ. ޑރ. ލަތީފާއި ފަހުމީއާ ދެބޭފުޅުން ކުރެ ސީއެސްސީގެ ރައީސްގެ މުސާރަ ދެއްވަނީ ކޮން ބޭފުޅަކަށްތޯ ވިސާމް އަލީ ދެންނެވުމުން ޑރ. ނަޒީރު ވިދާޅުވީ ފަހުމީ އަށް މުސާރަ ލިބިވަޑައިގަންނަވާ ކަމެއް ނުވަތަ ސީއެސްސީގެ ރައީސްގެ މަގާމުގެ މުސާރަ ޑރ. ލަތީފަށް ލިބިވަޑައިގަންނަވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަންކަން ހަމަޖެހިގެން ދަނީ ސީދާ ފިނޭންސް މިނިސްޓްރީއާ މިނިވަން މުއައްސަސާތަކާ ދެމެދު ކުރާ މުއާމަލާތެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ނަޒީރު ވިދާޅުވި ގޮތުގައި ރައީސް އޮފީހަށް ސީއެސްސީ އަށް ފޮނުވާ ސިޓީތަކުގައި އެ ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ސޮއިކުރައްވަނީ ޑރ. ލަތީފެވެ. އަދި ފަހުމީގެ މައްސަލަ ދިމާވި ފަހުން ސީއެސްސީ އަށް ރައީސް އޮފީހުން ފޮނުވާ އެއްވެސް ސިޓީއެއްގައި ވަކި ބޭފުޅެއްގެ ނަން ނުޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ. ކެބިނެޓް ސެކްރެޓަރީ ވިދާޅުވީ "ދުވާލު ދެދަޅައަށް" އޭނާ މަޖިލީހަށް ހާޒިރު ކުރިޔަސް މައްސަލަ އަށް ހައްލެއް ނާންނާނެ ކަމަށެވެ. "އެކަމަކު މަޖިލީހުން އަންގާ އެންގުންތަކަށް ތަބާވާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު މިތަނަށް އަންނާނަން،" އޭނާ ވިދާޅުވި އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް މިދިޔަ އަންގާރަ ދުވަހު ކަނޑައެޅި ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަމްޒާ ހުވާކުރުން ބާއްވާނެ ދުވަހަކާ މެދު ވެސް ޑރ. ނަޒީރަށް ސުވާލު ދަންނަވައިފަ އެވެ. އޭނާ ވިދާޅުވީ މިއަދު ސަރުކާރުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެކަމަށް ވަކި ޖަވާބެއް މަޖިލީހަށް ދަންނަވާނެ ކަމަށެވެ. ހެނދުނު 11:15 ގައި ބޭއްވި ކޮމިޓީ ނިންމާލީ މި މައްސަލާގައި ހަމްޒާ އާއި ކެބިނެޓް ސެކްރެޓަރީގެ އިތުރުން ޑރ. ލަތީފު، އަދި ބަންޑާރަ ނާއިބު އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާ އައްޔަން ކުރައްވާ ބޭފުޅަކު މެންދުރު ފަހު 3:00 ގައި ބާއްވާ ބައްދަލުވުމަށް ހާޒިރުކުރުމަށް ފާސްކުރުމަށް ފަހު އެވެ. މުގައްރިރު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މި މައްސަލާގައި ވަކި ގޮތެއް ކޮމިޓީން ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ