މާނަގަލާގެ އެއްބަސްވުން މަޑުޖައްސާލަން ނެރުނު އަމުރު ހައި ކޯޓުން ދަމަހައްޓައިފި
މަތިދެކުނު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓް ހަދަން ދޫކޮށްފައިވާ ގއ. މާނަގަލާ ކިޔާ ރަށް ތިން ވަނަ ފަރާތަކަށް ދޭން ހެދި އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ. މިދިޔަ އަހަރު ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރުނީ މަތިދެކުނު ޕްރޮވިންސްގައި ހިމެނޭ ގއ. އާއި ގދ. އަތޮޅުގައި ފެރީގެ ޙިދުމަތް ދިނުމަށް 2009 ގައި ޓްރައިނަސް-ސީއޭއީ އާއި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓް ހެދުމަށް ދިން މާނަގަލާގެ އެއްބަސްވުން އުވާލުމާ ގުޅިގެން އެ ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. ރިސޯޓް ހެދުމަށް 50 އަހަރު ދުވަހަށް މާނަގަލާ ޓްރައިނަސް ސީއޭއީއާ ހަވާލުކުރުމުން އެ ކުންފުނިން ވަނީ ޓުއާމަލިން ރިސޯޓްސް އަށް އެރަށް ކުއްޔަށް ދޫކޮށްފަ އެވެ. އެ ރަށް ޓުއާމަލިނަށް ދޫކުރި ފަހުން ސަރުކާރުން ވަނީ ޓްރައިނަސް ސީއޭއީއާ އެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް އުވާލައިފަ އެވެ. މާނަގަލާގެ ހުރިހާ ހައްގުތަކާއި ހެޑް ލީސް އެގްރިމެންޓް ޓްރައިނަސް ކުންފުނީގެ ކިބައިން ވަކި ކުރުމަށް ފަހު އެ ރަށް ކުއްޔަށް ހިފާފައިވާ ޓުއާމަލިނަށް ދޫކުރި ނަމަވެސް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި އަންގާފައިވަނީ ޓުއާމަލިނަށް ދީފައިވާ ހެޑް ލީސްގެ ހައިސިއްޔަތު ތަންފީޒު ކުރުން ފަސްކުރުމަށެވެ. ސިވިލް ކޯޓުގެ އެ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ އިއްވި ހުކުމުގައިވަނީ އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ