ކޮމިޓީއަށް ދެން ފުލުހުން ހާޒިރުވާނީ ސުޕްރީމް ކޯޓުން އެންގުމުން: ކޮމިޝަނަރު

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފުލުހުން ދެން ހާޒިރުވާނީ ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެ މަތިން ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވިއިރު ސަލާމަތީ ހިދުމަތްތަކާ ބެހޭ ގޮތުން ޖަވާބުދާރީވުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފުލުހުން ހާޒިރުވާން ނުޖެހޭނެ ކަމަށް ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ލަފާ ދެއްވައިފަ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެ ކޮމިޓީއަށް ހާޒިރުވާ ބައެއް ފުލުހުންނަށް ޖެއްސުންކޮށް، މަލާމާތްކުރުމުގެ ކަންތައްތަކެއް ކޮމިޓީގައި ހިނގަމުންދާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވީ ފޯނެއް ފޭރިގަނެގެން ދިޔަ މީހަކު ފިލަން ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެފައިވާއިރު، ފިލަން ދުއްވި މީހުންނާ ދިމާލަށް މުގުރު ބޭނުންކުރި މީހާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހާޒިރުކަން ނިންމާފައިވާ އުސޫލާ މެދު ވެސް ހިތާމަކުރައްވާ ކަމަށެވެ. "އަޅުގަނޑު އެ ކޮމިޓީއަށް ގޮސް ފުލުހުންގެ ފަރާތުން ޖަވާބުދާރީވެ އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ރިޕޯޓުން ވެސް ނެރެފައި ވަނިކޮށް މި އޮންނަނީ މުގުރު ބޭނުންކުރި ފުލުސް މީހާ ކޮމިޓީއަށް ހާޒިރުވާން އަންގާފައި. ކޮބައިތޯ އެ ފުލުސް މީހާ އެ ކޮމިޓީއަށް ހާޒިރުކުރުމުގެ ބޭނުމަކީ؟ މީގެ ބޭނުމަކީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު މި މަގާމުގައި ހުއްޓާ އެކަމެއް ނުކުރެވޭނެ. ވަރަށް ބޮޑަށް ސޮރީ،" ރިޔާޒް ވިދާޅުވި އެވެ. "ފުލުހުން އެ ކޮމިޓީއަށް ނުދާން ނިންމީ ޖަވާބުދާރީވާން ދާ ފުލުހުންނާ ހުތުރު ބަހުން މުއާމަލާތްކޮށް، ފުލުހުންގެ އޮފިސަރުންނާ ދިމާލަށް ]ކޮމިޓީގައި[ ވަނަން ކިޔަން ފެށި ހިސާބުން. އަދި ކޮމިޓީއަށް ހާޒިރުކުރާ ބޭނުންތަކާ ނުގުޅޭ ކަންކަމުގައި ސުވާލުކޮށް ހަދާ." ކޮމިޝަނަރު ވިދާޅުވީ ކޮމިޓީގައި މަސައްކަތް ކުރަނީ ފުލުހުން ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ފުލުހުންގެ މުއައްސަސާ ބަދުނާމުކުރުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުވުމާ މެދު ބަންޑާރަ ނާއިބުގެ ލަފާ ހޯއްދެވީ "ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމުގެ ޕްލެޓް ފޯމަކަށް" ކޮމިޓީވާ ކަމަށް ފާހަގަ ކުރެއްވުމުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. "ބަންޑާރަ ނާއިބުގެ ލަފާ ލިބުމުން އަޅުގަނޑު ވެސް އަދި އެހެން ފުލުހުން ވެސް ކޮމިޓީއަށް ހާޒިރުނުވާން މި ނިންމީ. ދެން އެއަށް ބަދަލެއް ގެންނާނީ އެ ކޮމިޓީއަށް ދާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއްޔާ. އެ ކޮމިޓީއަށް ]ފުލުހުން[ ދާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއްޔާ ދާނަން. އަޅުގަނޑުގެ ޒިންމާ އަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ޔަގީންކަން ދިނުން. އެ މަސްއޫލިއްޔަތު އަދާކުރަނީ ފުލުހުން. އެކިއެކި ރޭންކްތަކުގެ ފުލުހުންނާ ދިމާކޮށް، އެ މީހުންގެ އަގު ވައްޓާލައި އެ މީހުން ހެރަސްކުރަން އެއްވެސް ބަޔަކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. އެހެންވެ ކޮމިޓީއަށް ދިއުމާ މެދު ގާނޫނީ މެންޑޭޓް ހޯދީ،" ކޮމިޝަނަރު ވިދާޅުވި އެވެ. ރާއްޖެ ޓީވީ އަށް ފުލުހުން އެއްބާރުލުން ނުދިން މައްސަލާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޕޮލިސް ކޮމިޝަނަރު ވަޑައިނުގެންނެވި މައްސަލާގައި އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވެފައިވަނީ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވައިގެން ކޮމިޓީ ބޮއިކޮޓްކުރި ނަމަވެސް، މިކަމުގައި ކޮމިޓީން ހޯދަންޖެހޭ ލަފައެއް ނެތް ކަމަށެވެ. އެއީ ކޮންމެ މީހަކު ވެސް ކޮމިޓީ އަށް ހާޒިރުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އާއި މިހާތަނަށް ޕޮލިސް ކޮމިޝަނަރަށާއި އެހެން ބޭފުޅުން ވެސް މިކަން ގަބޫލުކުރައްވައި ކޮމިޓީ އަށް ވަޑައިގެންފައިވާތީ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހާޒިރުވާން ޖެހޭނީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަކަށް ކަމަށާއި ކޮންމެ ކޮންމެ ކޮމިޓީއަކަށް އެންމެން ހާޒިރުވާންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ