ސިޔާސީ މަގުސަދެއްގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރުން އެދެން: މައުމޫން

އެއްވެސް ފަރާތަކުން ސިޔާސީ މަގުސަދެއްގައި އެމަނިކުފާނުގެ ނަން ބޭނުން ނުކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އެދިވަޑައިގެންފި އެވެ. "އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް ބުނާނީ އަޅުގަނޑު،" މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. ސިޔާސީ މަގުސަދެއްގައި އެމަނިކުފާނުގެ ނަން ބޭނުން ނުކުރުމަށް މައުމޫން އެދިވަޑައިގެންނެވިއިރު، އިދިކޮޅު އެމްޑީޕީ/އަދާލަތު ކޯލިޝަންގެ ބައެއް ބޭފުޅުން އެކިއެކި ޕޯޑިއަމްތަކުގައި ގެންދަވަނީ މައުމޫނާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީ/އަދާލަތުން އެންމެ ފަހުން ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު ހަރަކާތުގެ އެންމެ އިސް ލީޑަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ، މައުމޫން ހުންނެވީ އިދިކޮޅު މީހުންނާ އެކު ކަމަށެވެ. އިމްރާން ވިދާޅުވީ މައުމޫން ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މައުމޫންގެ ބަހެއް ޕީޕީއެމް ސަރުކާރުން ނާހަ އެވެ. މި ނޫނަސް ތަފާތު ވާހަކަތައް މައުމޫނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އައިސްފައިވެ އެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، މި ސަރުކާރުން އެންމެ ބޮޑަށް އަނިޔާ ލިބޭ މީހުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވުމެވެ. އޭގެ ރައްދުގައި މައުމޫން ވިދާޅުވެފައި ވަނީ، އެމަނިކުފާނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑެތި އަނިޔާތައް ލިބޭ ބޭފުޅުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނާ ބުނުން މައުމޫން ވަނީ ދޮގު ކުރައްވައިފަ އެވެ. "އަޅުގަނޑަކަށް އެއްވެސް އަނިޔާއެއް ނުލިބޭ. އިރާދަކުރެއްވިއްޔާ ނުވެސް ލިބޭނެ. ވަރަށް ރަނގަޅަށް ޕާޓީ އާއި ސަރުކާރާ ގުޅިގެން ކަންކަން ކުރަމުން މިދަނީ. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް،" މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ފެއްޓެވި ދަތުރުފުޅުގެ ކުރިން ނޫސްވެރިން ދެންނެވި ސުވާލުތަކުގެ ޖަވާބުގައި މައުމޫން ވިދާޅުވެފައިވެ އެވެ. މައުމޫން ވިދާޅުވީ އެބަޔަކު ބޭނުންވާ މަގުސަދު ހާސިލް ކުރުމަށްޓަކައި އެމަނިކުފާނުގެ "ނަން ބޭނުންކޮށްގެން ބަޔަކު ވާހަކަ ދައްކަނީ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ