ދައުލަތުގެ ތަންތަނާ މުދާ ރައްކާތެރި ކުރަން ރައީސް، ވަޒީރުންނަށް ގޮވާލައްވައިފި

ސަރުކާރުގެ ތަންތަނާއި މުދާ ރައްކާތެރިކޮށް، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބަލަހައްޓަން ހާއްޞަ ސަމާލުކަމެއް ދޭން ހުރިހާ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
މ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދިއްގަރަށް ވަޑައިގެން، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ރަށްރަށަށް ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް އެބަހުރި ކަމަށާއި ނަމަވެސް، އެ އިންވެސްޓްމަންޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގައި ކުރަންހުރި މަރާމާތުތައްކޮށް، އެތަންތަން ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ މުހިންމުކަން ބޮޑުކަމަށާއި މިއަހަރުގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތާއި ބަޖެޓްގެ ސިޔާސަތުތައް ކަނޑައެޅިގެން އައިއިރު، އެތަންތަން މަރާމާތު ކުރުމަށް ބަޖެޓްގައި ފައިސާ ހިމެނި ކަމަށެވެ.
"އެހެން ނަމަވެސް، ބަޖެޓް ހަމަޖެހިގެން އައިއިރު، މަރާމާތު ކުރުމަށްޓަކައި އެއްވެސް ފައިސާއެއް ބަޖެޓްގައި ހިމެނިފައި ނެތް. މިފަދަ ޢިމާރާތްތައް މަރާމާތު ނުކުރެވުމުގެ ޝަކުވާ، ހުރިހާ ރަށަކުންވެސް ލިބޭ. އެހެންވީމާ، ބަޖެޓަށް ފައިސާ ހޯދައިގެން، ނުވަތަ އެހެން ފަރާތް ފަރާތުން ފައިސާ ހޯދައިގެން ނަމަވެސް، މިކަން ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ. "މިކަން ނުކުރެވޭނަމަ، ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާނެ،"
ދިއްގަރު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރަން ނިންމާފައިވާ ކަމާއި، ލަސް ނުކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަށުގެ ފެން ލޮނުވަމުންދާތީ، ރަށުގައި ޤާއިމްކުރަންޖެހޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ބީލަން ދެވަނަ ފަހަރަށް ހުޅުވާލެވިފައިވުމާއެކު، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ