ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނުގެ އިސް ބޭފުޅެއްކަމުގައިވާ، ޕްރިންސް ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގައި ރަސްކަންކުރައްވާ ޝާހީ ޢާއިލާގެ އިސް ބޭފުޅެއްކަމުގައިވާ، ޕްރިންސް ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އަރިހަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި އަދި ވަލީ ޢަހުދުގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ޕްރިންސް ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
ޕްރިންސް، ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަކީ، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެއް ކަމަށާއި، ސަޢޫދީގެ އަދަބިއްޔާތާއި ޘަޤާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ޕްރިންސް ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމުގެ ފާފަ ފުއްސުވުމަށް އެދި ދުޢާ ކުރައްވައި، އަދިސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި، ވަލީ ޢަހުދާއި، ޝާހީ ޢާއިލާއާއި، އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ