އަލިފާން ރޯވެ ހުޅުމާލޭ ޕްރީ ސްކޫލް އަނދައި ހުލިވެފައިވާތީ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ލާލޭ އިންޓަނޭޝަނަލް ސްކޫލަގައި ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖައްސައި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ތަކެއްޗާއި ދަރިވަރުންންގެ ކިޔެވުމަށް ބޭނުންވާ ސާމާނު ހޯދައި ދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ ޕްރީސްކޫލުގައި ރޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޢިމާރާތަށާއި ތަކެއްޗަށް ގެއްލުން ވެފައިވާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ސްކޫލްގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު އެ އިމާރާތުގައި އަލުން ދަރިވަރުންނަށް ކިޔަވައިދޭނަމަ އެޢިމާރާތް ވަރަށް ބޮޑަށް މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށާއި މިފަދަ ވަގުތެއްގައި އިސްކަން ދޭން ޖެހެނީ ސްކޫލްގައި ކިޔަވުން މެދުކެނޑިގެން ދިޔަ ނުދިނުމަށް ކަމަށެވެ.
"... އެގޮތުން ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލްގައި ވަގުތީ އިންތިޒާމެއްގެ ދަށުން ހުޅުމާލޭ ޕްރީސްކޫލުގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހަމަޖައްސައި، އެ ހާދިސާގައި ހަލާކުވެގެންދިޔަ ކިޔަވައިދިނުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދާވާހަކަ ހުޅުމާލޭ ޕްރީސްކޫލުގެ ބެލެނިވެރިންނާއި ހުޅުމާލޭގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ،" މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
ހުޅުމާލޭ ޕްރީ ސްކޫލްގައި ރޯވެ އަނދައި ހުލުވީ ރޭ ފަތިހު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އަލިފާން ރޯވުމުގެ ސަބަބުން ސްކޫލްގެ 85 ޕަސެންޓް އަނދައި ބޭނުން ނުކުރެވޭވަރަށް ވަނީ ހުލިވެފަ އެވެ. ސްކޫލްގައި ފުރަތަމަ ރޯވީ އެ ސްކޫލްގައި ބޭއްވި ފެއާއެއްގައި ހަދާފައި ހުރި ބިރުވެރި ހޮހަޅައެއްގައި ކަމަށް ވެއެވެ. އަލިފާންގަނޑު މުޅި ސްކޫލަށް ފެތުރިގެން ދިޔައީ އަލިފާން ނިއްވުމަށް އެއްވެސް ކަމެއް ނުކުރެވި އުޅެނިކޮށެވެ. އެގޮތުން ސްކޫލްގައި ވެސް އަލިފާން ނިއްވާ ނިޒާމް ގާއިމްކޮށްފައެއް ނުހުރެ އެވެ.
ހުޅުމާލޭ ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ލާލޭ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ