އަމީރު އަހުމަދު ސްކޫލުން ޓީޗަރުން ވަކިކުރާ ވާހަކަ ދޮގުކޮށްފި

އަމީރު އަހުމަދު ސްކޫލުގެ ހިންގުމާ އަލަށް ހަވާލުވި އައިލެންޑާސް ގުރޫޕުން އެ ސްކޫލުގައި ކުރިން ތިބި ޓީޗަރުން ވަކިކުރާ ކަމަށް މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވި ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ. ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސްގެ ޑިރެކްޓަރު އަހުމަދު އަދްލީ އަލީ ވިދާޅުވީ އެ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަ 34 ޓީޗަރުން އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް ޓީޗަރަކު ވަކިނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިއްޔެ ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަހްލޫފް ވަނީ އަމީރު އަހުމަދުގެ ގިނަ ޓީޗަރުންތަކަކަށް ނޯޓިސް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދްލީ ވިދާޅުވީ އައިލެންޑާސްގެ ދަށަށް އަމީރު އަހުމަދު ސްކޫލު ބަދަލުކުރި އިރު އެތަނުގައި ތިބި ސިވިލް ސާވިސްގެ ޓީޗަރުން ސިވިލް ސާވިސް އިން ވަކިވެ، އެ ކުންފުނީގެ ދަށަށް ބަދަލުވުމަށް މިހާރު ސޮއިކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ޓީޗަރަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ސިވިލް ސާވިސް އިން ވަކިވެ، ޓީޗަރުން އައިލެންޑާސްގެ ދަށަށް ބަދަލުވެފައިވަނީ އެ ޓީޗަރުންގެ ރުހުމުގައި. ހުރިހާ ޓީޗަރުން ވެސް މިހާރު ވަނީ މި ކުންފުނީގެ ދަށަށް ބަދަލުވެފައި. އެކަމަކު ޕްރައިވެޓައިޒް ކުރުމުގެ ކުރިން އެއް ޓީޗަރަކު ވަނީ ސިއްހީ ސަބަބުތަކަކާ ހުރެ ސްކޫލުން ވަކިވެފައި،" އޭނާ ވިދާޅުވި އެވެ. އަދްލީ ވިދާޅުވީ އެ ސްކޫލުގައި މިހާރު މަސައްކަތް ކުރާ އެއްވެސް ޓީޗަރެއްގެ މުސާރަ އާއި އެލަވަންސްތައް ކުޑަނުކުރާނެ ކަމަށެވެ. އަމީރު އަހުމަދުގެ ނަން މިހާރު ވަނީ އޭޝިއަން އިންޑިޕެންޑެންޓް ސްކޫލަށް ބަދަލުކޮށްފަ އެވެ. އަދި އެ ސްކޫލުގައި އަންނަ އަހަރު ގްރޭޑް 1- 2 އަށް ކިޔަވައިދޭން ފަށާއިރު ދަރިވަރުން އަތުން ފީގެ ގޮތުގައި ނަގަނީ 1،500 ރުފިޔާ އެވެ. އެކަމަކު އައިލެންޑާސްއާ ސްކޫލް ހަވާލުކުރުމުގެ ކުރިން އެތަނުގައި ހިންގަމުން އަންނަ ޕްރީ ސްކޫލުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެއީ މަހަކު 200ރ އާއި 250ރ އެވެ. އިއްޔެގެ ނިއުސްކޮންފަރެންސްގައި މަހްލޫފް ގޮވާލެއްވީ އަވަށު މަދަރުސާތަކުގައި ގާއިމުކޮށްފައިވާ ޕްރީ ސްކޫލުތައް ޕްރައިވެޓައިޒް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށެވެ. އަދި އެ ސްކޫލުތައް އެޑިއުކޭޝަނުގެ ދަށަށް ބަދަލު ކުރުމަށް މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަލޮޅު މަދަރުސާ އާއި މާފަންނު މަދަރުސާ ޕްރައިވެޓައިޒްކުރަން ސިޓީ ކައުންސިލުން ކުރަމުން އައި މަސައްކަތް، އާންމުންގެ ޝަކުވާއާ ގުޅިގެން، ވަނީ ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ