ތަނަވަސްކަން ހުރި މީހުން ހާއްސަ އެހީ ބޭނުންވާ ކުދިންނަށް އެހީވާން ގާސިމް ގޮވާލައްވައިފި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިއަށް ދެވޭނެ މަގު، ސަރުކާރާއި، ތަނަވަސް ކަން ލިބިގެންވާ މީހުން، ފަހި ކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމިއްޔާއާއި ވިލާ ކޮލެޖް ގުޅިގެން ލޯފަން ކުދިންނަށް ކޮމްޕިއުޓަރު ދަސްކޮށްދިނުމަށް މިއަދު ވިލާ ކޮލެޖްގައި ފެށި ކޯސް އިފްތިތާހު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކޯސް ފަށައި ދިނުމަށް މިއަދު ހެނދުނު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖްގެ ބާނީ، ޤާސިމް އިބްރާހިމް ވިދާޅުވީ އެފަދަ ކޯހެއް ހިންގަން ބައިވެރި ވުމުގެ ފުރުސަތު ވިލާ ކޮލެޖަށް ދެއްވީތީ، ލޯފަން ކުދިންގެ ޖަމިއްޔާއަށާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރަށާއި އެ ކޮލެޖްގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމުގައި ސަރުކާރާއި، ތަނަވަސް ކަން ލިބިފައިވާ އެނެމެން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ސަރުކާރާއި ތަނަވަސް ކަން ލިބިގެންވާ ކޮންމެ މީހަކު ވެސް އެބަ ޖެހެޔޭ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެ މަގުފަހި ކޮށްދޭން. އެ ކުދިންނަކީ ވެސް ގައުމު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެވިދާނެ ބައެއް. އަޅުގަނޑު އުންމީދު ކުރަނީ މި ކުދިންނަކީ ވެސް ސަރުކާރުގެ އިސް މަގާމުތަކުން ފެނިގެން ދާނެ ކުދިންތަކަކަށް ވުން،" ގާސިމް ވިދާޅުވި އެވެ.
ލޯފަން ކުދިންގެ ޖަމިއްޔާގެ ރައީސް، މުޙައްމަދު މާޒިން ވިދާޅުވީ އެ ޖަމިއްޔާގެ އެދުމުގެ މަތިން ކުރު މުއްދަތެއްގެ ތެރޭގައި ކޯސް ހަމަޖައްސަވައި ދެއްވާފައިވާތީ ޤާސިމް އިބްރާހިމަށާއި ވިލާ ކޮލެޖުގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެށުނު ކޮންޕިއުޓަރު ކޯހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯފަން ކުދިންނަށް ހާއްސަ ކޮށްގެން ހިންގާ މިފަދަ ކޯސް ކަމަށްވުމުން ކޯހުގެ ސަބަބުން ކޮންޕިއުޓަރުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އެފަދަ ކުދިންނަކަށް އާ އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، މި ކޯހަކީ ކުރިއަށް އޮތްތާންގައި ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭނެ ކޯހަކަށް ހަދަން ވިލާ ކޮލެޖުން މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދު ފެށި ކޯހުގައި ހާއްސަ އެހީއަށް ބޭނުންވާ 24 ކުދިން ބައިވެރިވެ އެވެ. ކޯހުގައި ދަރިވަރުން ކޮންޕިއުޓަރު ބޭނުން ކުރާނީ ލޯފަން ކުދިންނަށް ހާއްސަކޮށް އުފައްދާފައިވާ ސޮފްޓްވެއާއެއް ބޭނުންކޮށްގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ