ހަތަރު މިލިޔަން ޑޮލަރަށް "ހަވީރު" ވިއްކާލަނީ

ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ނޫސް "ހަވީރު" ވިއްކާލަން ނިންމައިފި އެވެ.
ވީނިއުސް އަށް ކަށަވަރުވެފައިވާ ގޮތުގައި 34 އަހަރު ދުވަހުގެ ހިދުމަތަށް ފަހު ނޫސް ވިއްކާލުމުގެ މަސައްކަތް ހަވީރުގެ މެނޭޖުމަންޓް ވަނީ ފަށާފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި ހަވީރު ވިއްކާލާނެ އެވެ.
ހަވީރު ވިއްކާލުމާ ބެހޭ ގޮތުން މިހާތަނަށް ހަވީރުން އެއް ވެސް ބަޔާނެއް ދީފައި ނުވި ނަމަވެސް ވީނިއުސް އަށް ކަށަވަރުވެފައިވާ ގޮތުގައި ހަވީރު ވިއްކާލަން ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ނިންމެވީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ތިން ވިޔަފާރިވެރިއަކު ހަވީރު ގަތުމަށް ހުށަހެޅުމުންނެވެ.
ހަވީރުގެ ސީނިއާ މެނޭޖްމެންޓްގައި ހިމެނި ވަޑައިގަންވާ ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ ހަވީރު ގަތުމަށް މަޝްހޫރު ތިން ވިޔަފާރިވެރިއަކު މަސައްކަތް ކުރައްވަމުން ގެންދަވާތީ ހަވީރު ވިއްކާލަން ނިންމާފައިވާ ކަމަށާއި ވިއްކާލުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސް މިހަފުތާގެ ތެރޭގައި ހުރިހާ ކަމެއް ނިންމާ އިއުލާން ކުރާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ހަވީރު ގަތުމަށް ހުށަހެޅި ވިޔަފާރިވެރިން ކިޔާ އަގު ތިން މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމަށެވެ.
"މިގޮތަށް މިކަން ނިމިގެންދާނެ އެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
ހަވީރު ވިއްކާލުމަށް ނިންމި އިރު ވީނިއުސްއަށް ކަށަވަރުވެފައިވާ ގޮތުގައި ޗެއާމަން ޑރ. ޒާހިރު ހުސައިން ރޭގެ ވަގުތެއްގައި ވަނީ ހަވީރުގެ ހުރިހާ އިސްވެރިންނާ ބައްދަލު ކުރައްވާ އެ ނިންމެވުމުގެ ހަބަރު ދެއްވާފަ އެވެ.
"ވިދާޅުވި މިގޮތަށް ނިންމައިފީމޭ، އަދި މިވާހަކައަކީ ސިއްރު ވާހަކައެއް ވެސް ނޫނޭ،" އެ ބައްދަލުވުމުގައި އިންނެވި ސީނިއާ ނުސްވެރިޔަކު ވިދާޅުވި އެވެ.
ޗެއާމަން ޑރ. ޒާހިރު ހުސައިން ހަވީރުގެ އިސް ވެރިންނާ ބައްދަލު ކުރެއްވި ހިސާބުން ހަވީރުގެ ބައެއް ނޫސްވެރިން ވަނީ އެކަމާ ބެހޭ ގޮތުން ޓްވީޓް ކޮށްފަ އެވެ. ބައެއް ނޫސްވެރިން "34 އަހަރަށް ފަހު ހަވީރަށް އިރު އޮއްސުމެއް" ލިޔެފައިވާއިރު ބައެއް ނޫސްވެރިން "ދައުރެއްގެ ނިންމުން" ޓްވީޓް ކުރި އެވެ. އަދި ބައެއް ނޫސްވެރިން "އައި ލަވް މައި ބޮސް ހަވީރު" ޓްވީޓްކޮށްފައި ވެއެވެ.
ހަވީރު ގަތުމަށް މަސައްކަތް ކުރައްވަނީ ކޮން ވިޔަފާރިވެރިންތަކެއް ކަމަށް ސާފު ނުވި ނަމަވެސް އެކަމަށް މަސައްކަތް ކުރައްވަނީ ސަރަނގު އާދަމް މަނިކާއި އަބްދުﷲ ޖާބިރާއި އިތުރު ވިޔަފާރިވެރިއަކު ކަމަށް ސޯޝަލް މިޑިޔާގައި ހަބަރުތައް ވަނީ ފެތުރިފަ އެވެ.
ރާއްޖޭގެ މިޑިޔާގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ހަވީރުގައި ނޫހުގެ އިތުރުން އޮންލައިން ނޫހާއި ލޯމާފާނު ޕްރިންޓާއި ހަވީރު މަލްޓިމިޑިއާ ރިސޯސް ހިމެނެ އެވެ. އަދި ހަވީރަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އާކައިވް އެވެ.
ކުރީގެ މާލޭގެ މުނިސިޕަލްޓީގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުގެ ބޭނުމަށް މާލެ ގެނެސްފައިވާ ކޮޅުވެއްޓިއެއް ބޭނުން ނުކުރެވި ދައުލަތަށް ގެއްލުންތަކެއް ލިބެމުންދާތީ އެމައްސަލައިގައި ބަންޑާރަނައިބް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކޮށްފިއެވެ.
ބަންޑާރަނައިބު އިއްޔެ ކުއްލި ގޮތަކަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރެއްވީ އިއްޔެ ހެނދުނު އޮތް އެކޮމިޓީގެ ބައްދަލުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުން ހާޒިރުކުރެއްވުމުން ކޮޅިވެއްޓި ބޭނުން ނުކުރެވި ހިފަހައްޓާފައިވާ ސަބަބު އެގިވަޑައިގަންނަވާނީ ބަންާރަނައިބަށް ކަމަށް އޭސީސީގެ ބޭފުޅުން ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ބަންޑާރަނައިބު ހާޒިރުކުރެއްވި ކޮމިޓީގެ ބައްދަލުވުން ފައްޓަވާ ދެއްވަމުން ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުވެސް ވިދާޅުވީ ބަންޑާރަ ނައިބު ކުއްްލިގޮތަކަށް ކޮމެޓީއަށް ހާޒިރުކުރައްވަން ޖެހުނީ ކޮޅުވެއްޓި މިހާރު ހިފަހައްޓައިފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް އޭސީސީގެ ބޭފުޅުން ކޮމިޓީއަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށެވެ.
ބަންޑާރަނައިބު އިއްޔެގެ ކޮމިޓީގައި ކޮޅުވެއްޓިއާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވީ އޭސީސީން ބުނި ނަމަވެސް އެކަމަނާއަށް ކޮޅުވެއްޓީގެ މާގިނަ މައުލޫމާތު ނޭގޭ ކަމަށާ، އަދި ކޮޅުވެއްޓި މިހާރު އޮތް ތަނެއްވެސް އެގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށްވެސް ކޮޅުވެއްޓި މައްސަލައެއް ހުށަހެޅިފައިވޭ، އެކަމަކު މާކަށް ގިނަ މައުލޫމާތެއް ނޭގޭ،" އާޒިމާ ވަނީ ކޮމިޓީގައި ވަނީ ބުނެފައިއެވެ.
އާޒިމާ އެހެން ވިދާޅުވުމާއި ގުޅިގެން މުޤައްރިރު އަލީ ވަހީދު ވިދާޅުވީ ބަންޑާރަނައިބު ކޮމިޓީއަށް ވަޑައިގެންނެވީ ކުއްލިގޮތަކަށް ކަމަށްވާތީ އެމައުލޫމާތު ސާފުވެފައި ނެތުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ކޮޅުވެއްޓިއާއި ގުޅޭ މައުލޫމާތު ކޮމިޓީއާއި ހިއްސާކުރުމަށް ވަކި މުއްދަތެއް ބަންޑާރަނައިބަށް ދެއްވުމަށް މުޤައްރިރު ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން ކޮޅުވެއްޓިއާއި ގުޅޭ ހުރިހާ މައުލޫމާތެއް ދިހަ ދުވަހުގެ ތެރޭގައި ކޮމިޓީއާއި ހިއްސާކުރުމަށް ކޮމިޓީގެ މެންބަރުން ވަނީ ފާސްކޮށްފައެވެ.
މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރީގެ މާލޭ މުނިސިޕަލްޓީގެ ބޭނުމަށް ރާއްޖެއަށް ގެނެސްފައިވާ ކޮޅުވެއްޓީގެ ގެއްލުމުގެ ބަދަލު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު އަތުން ދައުލަތަށް ނަގައިދިނުމަށް އޭސީސީއިން ވަނީ އޭޖީއަށް އަންގާފައެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރު ޖެނަރަލް އަކަށް ހުންނަވައިގެން އިސްމާއިލް އަބްދުލް ހަމީދު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި މާލެ ގެނައި ކޮޅުވެއްޓީގެ ބަދަލު ދައުލަތަށް ހޯދުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެންމެ ފަހުން ބަންޑާރަނައިބަކަށް ހުންނެވި އަބްދުﷲ މުއިއްޒުއާއި، މިހާރުގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރަށް ވެސް އަންގާފައިވާ ކަމަށެވެ.
ކޮޅުވެއްޓީގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު އަބްދުލް ކަރީމް ވިދާޅުވީ އޭސީސީއިން އޭޖީއަށް ބަދަލު ހޯދަން އަންގާ ފޮނުވި ސިޓީ އެކައުންސިލަށް ލިބިފައިވާ ކަމަށާއި އަދި އެކޮޅުވެއްޓީގެ ބަދަލެއްގެ ގޮތުގައި އިސްމާއިލް އަބްދުލް ހަމީދުގެ އަތުން ނަގައިދިނުމަށް އެދިފައިވަނީ ގާތްގަނޑަކަށް ހަލައްކަ ޑޮލަރު ކަމަށެވެ.
ކުރީގެ މާލެ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް ގެނައި އެ ކޮޅުވެއްޓީގެ އަގަކީ އޭރުގެ ޑޮލަރު ރޭޓުން 8.6 މިލިއަން ރުފިޔާ އެވެ. މާލެ މުނިސިޕަލްޓިއަށް ކޮޅުވެއްޓިއެއް ގެނައީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަން ސާބިތުވުމާއި ގުޅިގެން އޭރު އިސްމާއިލް އަބްދުލް ހަމީދު ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ