ސްޓެލްކޯ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން އެޅި ފްލެޓްތަކުގައި ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުންފުނިން ނިންމީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ.
ސްޓެލްކޯ އިން ބުނީ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާއި އެއްގޮތަށް މިވަގުތު ކުރިއަށްދަނީ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
ސްޓެލްކޯއިން މި ނިންމުން ނިންމާފައި މިވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައިމަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯރކް ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަނީ ލަސްވެފައެވެ.
ދެވަަ ފިޔަވަހީގެ ކަރަންޓް ނެޓްވޯރކް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފައިވަނީ އެ ނެޓްވޯރކަކީ އެޗްޑީސީން ބްރައުންސް ސީއެމްއީސީއަށް ކޮންޓްރެކްޓް އުސޫލުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މިމަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލައިފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.
ސްޓެލްކޯއިން މިހާރު ކުރަމުންދަނީ އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިން ބަލައިފާސް ކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން މިހާރު ވަނީ ކަަރަންޓް ފޯރުކޮށްދީފައެވެ.
ސްޓެލްކޯގެ އަމިއްލަ ޚަރަދުގައި ކަރަންޓްގެ ކަންކަން ކުރަން އެ ކުންފުނިން ނިންމިއިރު، އެޗްޑީސީން މީގެކުރިން ބުނެފައިވަނީ، ކަރަންޓް ނެޓްވޯރކް ގާއިމުކުރުމުގެ މަޝްރޫއުގަ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައި ވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަރަންޓްގެ ޚިދުމަތް ދެވޭވަރު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ