"ރައްޔިތުން އެދޭގޮތަށް ޖީއެމްއާރު މައްސަލަ ރައީސް ނިންމަވާނެ ކަމުގެ ޔަގީންކަން ލިބިއްޖެ"

ޖީއެމްއާރު މައްސަލައިގައި ރައްޔިތުން އެދޭ ގޮތަށް އެ މައްސަލަ ނިންމަވާ ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން މިއަދު ބުނެފި އެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ގޮވާލައި މަދަނީ އިއްތިހާދުން ތައްޔާރު ކުރަމުން އަންނަ ޕެޓިޝަންތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވާ 35000 ފޯމު ރައީސް ވަހީދާ ހަވާލުކުރުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ފޯމުތައް ހަވާލުކުރުމަށް ރައީސް އޮފީހަށް ވެންނެވި ގައުމީ ހަރަކާތުގެ އިސްފަރާތްތަކާ ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ޖީއެމްއާރު މައްސަލައަކީ ގާނޫނީ ގޮތުން ވަރަށް ބޮޑަށް ބަލަން ޖެހޭ މައްސައަކަށް ވެފައި ފާއިތުވީ ދުވަސްތަކުގައި ކުރެއްވީ އެ މަސައްކަތްކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ މަސައްކަތްތަށް ނިމިފައިވާ ކަމަށާއި، ކެބިނެޓާ ބައްދަލު ކުރެއްވުމަށް ފަހު ދިވެހިން ބޭނުންވާ ގޮތަށް ޖީއެމްއާރު މައްސަލަ ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"ޕެޓިޝަންގެ ވާހަކައާ ދިވެހިން މިކުރާ މަސައްކަތުގެ ވާހަކަ ދެންނެވީމާ ރައީސް ވިދާޅުވީ ﷲގެ ރަހްމަތާ އެކު ޖީއެމްއާރު މައްސަލަ ނިމިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް. އަދި ވިދާޅުވީ މިހާތަނަށް މި ދިޔައީ ގާނޫނީ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމާ އެކު އެކަންތައްތައް ބެލުމުގެ މަސައްކަތް ކަމަށް. ގާނޫނީ ލަފާ ހޯދާ އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް. އަދި ވިދާޅުވި މިހާރު ގާނޫނީ ގޮތުން ކުރަންހުރި ހުރިހާ މަސައްކަތެއް ހުރީ ނިމިފައި ކަމަށް. ދެން އެއަށް ފަހު ކެބިނެޓްގައި މިކަމަށް މަޝްވަރާ ކުރުމަށް ފަހު ރައްޔިތުން ބޭނުންވާ ގޮތަށް އެ މައްސަ ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރާ ދެކޮޅަށް ސޮއި ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ހަރަކާތުގެ ފަރާތުން ފޮނުވާފައި ހުރި ފޯމުތަށް އަދި ނުލިބޭ ކަމަށާއި އޭގެ ތެރޭގައި 35000 ފޯމު ހުންނާނެ ކަމަށެވެ. އަދި އެފޯމުތަށް ހަވާލު ކުރުމުގެ ރަސްމިއްޔާތު ވެސް އަންނަ ހަފްތާގެ ތެރޭގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން އިއްޔެ ބުނީ ޖީއެމްއާރު މައްސަލައިގައި ސަރުކާރާ އެކު އިތުރަށް މަޝަވަރާ ނުކުރާނެ ކަމަށާއި ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ދިނުމަށް ހަދާފައިވާ އެގްރިމަންޓް މިމަހުގެ 30ގެ ނިޔަލަށް ބާތިލް ނުކޮށްފި ނަމަ ސީދާ ހަރަކާތަށް ނިކުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ