އެންމެ ބޮޑު ހިތާމައަކީ ހައްގު ގޮތުގައި ތިބި ރައްޔިތުން ގޭބަންދުގައި ތިބެން ޖެހުން: ރައީސް

ބޮޑެތި ކުށް ކޮށްފައި ތިބި މީހުން މިނިވަންކަން މަތީ އެބަތިބި ކަމަށާއި އެންމެ ބޮޑު ހިތާމައަކީ ހައްގުގޮތުގައި ތިބޭ ރައްޔިތުން ގޭގައި ބަންދުވެގެން ތިބެންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ތަންތާގައި ހުޅުޖަހައި، މީހުން މަރާފައިވާ މީހުން މިނިވަންކަމުގައި އެބަތިބި ކަމަށާއި ހިތާމައަކީ ޙައްޤުގޮތުގައި ތިބޭ ރައްޔިތުން ގޭގައި ބަންދުވެގެން ތިބެންޖެހޭކަން ކަމަށާއި މަޑުމައިތިރި ކަމަކީ ޙައްޤުތައް ގެއްލޭކަމަކަށްވެފައިވުން ކަމަށެވެ.
"އެކިއެކި ޖިނާޢީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރާ، ގައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި އެތައް އަހަރެއްވަންދެން މަގުމަތީގައި އެބައުޅޭ. އަންހެން ދަރިންނާއި ކުޑަކުދިންގެ ޙައްޤުތައް ވަނީ ޙިމާޔަތްނުކުރެވިފައި. އަޑުގަދަ މީހާގެ ބަސްގަދަވެ ބާރުގަދަވާތަން މިދަނީ ފެންނަމުން. އެންމެ ހިތާމަހުރިކަމަކީ މިކަންކަމުގެ ތެރޭގައި ހައްގުގޮތުގައި ގާނޫނުގެ އިމުގައި ތިބޭ ރައްޔިތުން އަމިއްލައަށް ގޭގައި ބަންދުވެގެން ތިބެންޖެހޭކަން. މަޑުމައިތިރި ކަމަކީ ޙައްޤުތައް ގެއްލޭކަމަކަށްވެފައިވާކަން،" ރޭގެ ޖަލްސާގައި ރައީސް ވަހީދު ވިދާޅުވި އެވެ.
ސިވިލްސާވިސް ކޮމިޝަނުގެ ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު ފަހުފީ ހަސަންއަށާއި ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލީ ހަމީދަށް ރައީސް ވަހީދު ރޭ ނުސީދާގޮތުން ފާޑު ވިދާޅުވި އެވެ. ވިދާޅުވީ މަޖިލީހުގެ އިތުބާރު ނެތް ވެރިއަކު ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންނަށް އަމުކުރައްވަން ހުންނަވަން ބޭނުންފުޅުވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ މަތީ ފަނޑިޔާރުގެއާ މެދު ސުވާލު އުފެދޭ ފަދަ ހާލަތެއް މެދުވެރިވަފައިވާ ކަމަށެވެ.
"ދައުލަތުގެ އެންމެ ގިނަ މުއައްޒަފުންނަށް އަމުރުކުރަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތުގައި ސުވާލުއުފެދޭނޭ ފަދަ ހާލަތެއް މިއަދުވަނީ މެދުވެރިވެފައި. އެކިއެކި ޖިނާޢީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރާ، ޤައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި އެތައް އަހަރެއްވަންދެން މަގުމަތީގައި އެބައުޅޭ،"
އެވާހަކަފުޅުތަކަށް ފަހު ރައީސް ވަހީދު ވިދާޅުވީ އެފަދަ ވާހަކަ ދެއްކެވުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރައްވާ ހިތްޕުޅުވާކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިފަދަ ކަންކަމުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ހިތްހަމަޖެހިގެން ކުރާކަމެއްނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ