ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ދެއްކި ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ރައީސް ޔާމީނަކަށް މިރާއްޖެ ހަމަމަގަށް ނޭޅުވޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުގެ ސިޔާސަތެއް މިހާތަނަށް އާއްމުކުރައްވާފައި ނުވާ ކަމަށާއި ހަމައެކަނި އިވިވަޑައިގެންފައިވަނީ "އަނިޔާވެރިކަން ނިންމާނަން" ވިދާޅުވާ އަޑު ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވައި ސިޔާސަތު ތަކެއްވެސް މީގެކުރިން ހާމަކުރައްވަމުންގެންދެވި އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ސިޔާސަތު ހާމަކުރެއްވުމާއި ކެމްޕޭން މަޑުޖައްސާލެއްވީ އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރުމުން ކަމަށެވެ. އުމަރު ވިދާޅުވީ ފަހަތަށް ފިޔަވަޅެއް އަޅުއްވައި، އެ ކެންޑިޑޭޓުގެ ސިޔާސަތުތަކާއި އަދި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ އަޑު އައްސަވަން މަޑުކުރެއްވީ ކަމަށެވެ. ނަމަވެސް އިބޫގެ ފަރާތުން އިވިވަޑައިގެންފައިވަނީ "އަނިޔާވެރިކަން ނިންމާނަން" ކަމަށެވެ. އަދި މި ނޫން އެހެން ވާހަކަފުޅެއް އިބޫގެ ފަރާތުން މިހާތަނަށް އިވިވަޑައިނުގަންނަވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމިން ސަރުކަރުގެ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި، ޖުމްހޫރީ ޕާޓީ އަށް އުމަރު ސޮއި ކުރެއްވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާމެދު ހިތްހަމަޖެހިވަޑައިނުގެންއެވެ.
އަނިޔާވެރިކަން ނިންމުމަކީ އާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ރައްޔިތުން އޭނާ ހޮވައިފި ނަމަވެސް، މި ސަރުކާރުގައި ނުހައްގުން ޖަލަށް ލާފައި ތިބި މީހުން ދޫކޮށްލައްވާނެ ކަމަށެވެ. އެހެންވިދާޅުވެ އުމަރުވަނީ ހައްގުންވެސް ޖަލަށްލާފައި ތިބި ބަޔަކު ވެސް އެބަތިބި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވި ފަހުންވެސް އުމަރުވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާވެސް މަޝްވަރާ ކުރައްވާފައެވެ.
އުމަރު ވިދާޅުވިގޮތުގައި މަޝްވަރާތަކުން ގޮތެއް ނުނިމުނީ، ތިން ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނުން އިންތިޚާބަށް ކެންޑިޑޭޓެއް ނެރެން ނިންމުމުން ކަމަށެވެ.
އުމަރު ވިދާޅުވިގޮތުގައި ރައީސް ޔާމީނާއި އިބޫ އަށް ވެސް ގައުމު ހަމައަކަށް ނޭޅުވޭނެއެވެ.
"އިދިކޮޅު ކެންޑިޑޭޓަށް ޖާގައެއް ދީގެން އަޅުގަނޑު މަޑުކޮށްގެން މިހާތަނަށް މިހުރީ. އެކަމަކު މިހާތަނަށް ވެސް އެއްވެސް އާ ވާހަކައެއް ވިދާޅެއް ނުވޭ. ރައްޔިތުންނަށް އާއްމު ކުރެއްވި ސިޔާސަތެއް މިހާތަނަކަށް ނެތް. އެހެންވީމަ، އިންތިހާބަށް ކުރިމަތިލާން އަޅުގަނޑު މާދަމާ ފޯމު ނަގާނަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ދިން ފަސް އަހަރުގެ ދައުރުގައި ހާލަތު ދަށްވި މިންވަރު ސާފުވެފައިވާ ކަމަށާއި އެއާ އެކު، އެ ހާލަތު ރަނގަޅު ކޮށްދެއްވާނެ ކަމުގެ ސިޔާސަތެއް އިދިކޮޅު ކެންޑިޑޭޓު މިހާތަނަށް ހުށަހަޅުއްވާފައި ނުވުމުން އެނގެނީ ދެ ބޭފުޅުންނަށް ވެސް މައްސަލަތައް ހައްލު ނުކުރެއްވޭނެ ކަން ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާ މިފަހަރުގެ ސިޔާސަތު ތަކަކީ މީގެ 10 އަހަރު ކުރިންވެސް ހުށަހެޅުއްވި ސިޔާސަތުތަކެވެ. އެއީ، މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުމެވެ.
މި ސިިޔާސަތުތަކާ އެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އެކަމަކު ދެ ފަހަރު ވެސް އުމަރު ނާކާމިޔާބުވެވަޑައިގަތީ އެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގައުމު ނަމާންވެ، ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. މި ހާލަތުން އަރައިގަނެ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެއްވަން، އޭނާ ތައްޔާރު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑު އެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅުއްވާފައި އޮއްވައި، މި ހާލަތަށް މިދިޔައީ. އަނެއްކާވެސް އަޅުގަނޑު މިއެދެނީ އަޅުގަނޑަށް ފުރުސަތު ދޭން،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ފިކުރު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކަށް ބެހިފައި އޮތް އިރު، ވަކިން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ވެދާނެތޯ ދެންނެވުމުން، އުމަރު ވިދާޅުވީ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް އަދި ބަދަލުވެދާނެ ކަމަށެވެ. އެހެންކަމުން، އެކަން އެނގޭނީ އިންތިޚާބުގައި ވޯޓު ނަގާ ދުވަހު ކަމަށް ވިދާޅުވި އެވެ.
އަނެއްކާވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވަން ބޭނުންވާތީ އެވެ.
"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނަމޭ. އަޅުގަނޑު ޖެހިލުމެއް ނުވޭ ބަލިވެދާނެތީ. އެ ވިސްނުމުގައި އަޅުގަނޑަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން،" އުމަރު ވިދާޅުވި އެވެ
ޔާމިނާ އިބޫއަކަށްވެސް ގައުމު ހަމަމަގަށްް ނޭޅުވޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ