ދިވެހިންގެ އެހީތެރިކަމާއެކު ގާޒާގެ 100 ގެއަކަށް ކަރަންޓު ފޯރުކޮށްދީފި

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދިވެހިން އެއްކުރި ފައިސާ އިން ގާޒާގެ 100 ގެއަކަށް ކަރަންޓު ދީފި އެވެ.
ރާއްޖޭގެ 150 ޖަމިއްޔާއަކާއި ކައުންސިލްތައް ގުޅިގެން ހިންގާ "ލޯތްބާއެކު" ކެމްޕޭންގެ ދަށުން، މި މަހުގެ ފަހަކުން އިއްޔެގެ ނިޔަލަށް، ގާޒާގެ 250 ގެއަކަށް ކަރަންޓު ދެވޭ ވަރަށް ވަނީ ފައިސާ އެއްކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ކަރަންޓު ފޯރުކޮށްދެވިފައިވަނީ 100 ގެއަކަށް ކަމަށް އެފަރާތްތަކުން މައުލޫމާތު ދެއެެވެ.
އެ ކެމްޕޭނުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ގާޒާގެ އަލްފަލާހު ޖަމިއްޔާއާއި ގުޅިގެން ހިންގާ މި ކެމްޕޭނުގެ ދަށުން، ދިވެހިން އެއްކުރި ފައިސާ އިން ކޮންމެ ގެއަކަށްވެސް ހަ ލެޑްލައިޓް ވަނީ ހަދިޔާކޮށްފައެވެ. އަދި އެއީ ޗާޖުކުރެވޭ ގޮތަށް ހުންނަ ލައިޓްތަކެއް ކަމަސާއި އެފަދަ ލައިޓުތައް ހަދީޔާކުރީ ގާޒާގެ ގިނަ ގެތަކަށް މިހާރު ކަރަންޓް ލިބެނީ ރޭގަނޑު އެންމެ 4 ގަޑި އިރަށް ކަމަށްވާތީ ބާކީ ވަގުތު ތަކުގައި ގެތަކުގައި ބޭނުންކުރަމުން ގެންދަނީ އުއްބަތި ކަމަށްވަތީ ކަމަށެވެ.
"އެއީ ޗާޖުކުރެވޭ ގޮތަށް ހުންނަ ލައިޓްތަކެއް. އެހެންވެ، އެ ހަތަރު ގަޑިއިރުގެ ތެރޭގައި ލައިޓުތައް ޗާޖުކޮށްގެން ގާތްގަނޑަކަށް އިތުރު ދިހަ ގަޑިއިރު ގެތަކަށް އަލިކަން ލިބޭނެ،" އޮފިޝަލް ބުންޏެވެ.
ދިވެހިންގެ އެހީތެރިމާއެކު ގެތަކަށް އަލިކަން ފޯރުކޮށްދީފައިވާތީ، ގާޒާގެ އާއިލާތަކުން ވަނީ ދިވެހިންނަށް ފަށްފަށުން ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން އެ ގެތަކުގެ ކުޑަކުދިން، ރާއްޖެ އާއި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ހުރެ ފޮޓޯ ނަގާފައި ހުރި އިރު އޭގައި އިނގިރޭސި ބަހުން، "ޝުކުރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން" ލިޔެފައި ވެ އެވެ.
ގާޒާ އަށް އެހީވުމަށް ދިވެހިރާއްޖޭގައި މީގެ ތިން މަސް ކުރިން ފެށާފައިވާ މި ކެމްޕޭންގެ ދަށުން މިހާތަނަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކުރެވިފައެވެ. އެ ފައިސާ އިން މިދިޔަ ރޯދަ މަހު ގާޒާގެ 4،700 އާއިލާއަކަށް ކާނާ ފޯރުކޮށްދީ، އަދި 600 އާއިލާއަށް 200 ލީޓަރުގެ ފެންހަން ވަނީ ހަދިޔާކޮށްފައެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި ދިވެހިންގެފަރާތުން ފެނިފައިވާ އިންސާނިޔަތުކަމާއި އޯގާތެރިކަމުގެ އެހީތެރިކަމަކީ ގަޒާގެ ނިކަމެތި އާއިލާތަކުން ވަރަށް ބޮދާސް ބަލައިގެންފައިވާ ކަމެއް ކަމުގައެވެ. އދި އެ އާއިލާތަކުން ޝުކުރު އަދާކޮށް ދިވެހިންނާ ދެތެރޭ އުފެދިފައިވާ ޝުއޫރަތަށް އަސަރުން ފުރިގެންވާ ވީދިއޯ މެސެޖުތައް ފޮނުވަމުންދާ ކަމަށްވެސް އޮފިޝަލް ބުނެއެވެ.
"އަޅުގަނޑުމެންގެ މި އެހީތެރިކަން އެ މީހުން ވަރަށް ބަލައިގަނޭ. ޝުކުރު އަދާކޮށް ވީޑިއޯ އެއްޗެހި ފޮނުވާ. ރޯދަ މަހު ކާއެއްޗެހި ލިބުމުން ވެސް، ރޮވިފައި ތިބެ ވާހަކަ ދެއްކި،" އޮފިޝަލް ބުންޏެވެ.
ބޭރުގެ ހަތަރު ޖަމިއްޔާއަކާ ގުޅިގެން، "ލޯތްބާއެކު" ކެމްޕޭން ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ކެމްޕޭންގެ ދަށުން ސީރިއާ އާއި ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ އިރު، ކުރިމަގުގައި ޔަމަނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަނީ ނިންމާފަ އެވެ.
މި ކެމްޕޭނަށް ކޮންމެ މީހަކަށް ވެސް ފައިސާ ހަދިޔާ ކުރެވޭނެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9122121 ނަމްބަރަށް ގުޅުމަށް ކެމްޕޭންގެ ފަރާތުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ