ގާސިމް މަރާލީ ކުލި ދައްކަން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި: އަދުހަމް
ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ، ކުލި ދައްކަން އަތުގައި ފައިސާ ނެތިގެން ފޭރިގެން ފައިސާ ހޯދަން ނުކުމު އުޅެނިކޮށް ކަމަށް ގާސިމްގެ ގާތިލު އަދުހަމް މުހައްމަަދު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވާކަން ހާމަަވެއްޖެ އެވެ. ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދުހަމްގެ ކިބައިން ގިސާސް ހިފަން ގާސިމްގެ ވާރިސުން ބޭނުން ނަމަ އޭނާއަށް އަންނާނީ މަރުގެ ހުކުމެކެވެ. އެކަމަކު، ގިސާސް ހިފަން ބޭނުން ނޫން ނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދުހަމްއާ ދެމެދު ހެދިފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕީޖީއިން ވަނީ އަދުހަމް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ދައްކާފައި ހުރި ވާހަކަތައް އިއްވައިފަ އެވެ. އެ ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމް މިއަދު ކޯޓުގައި ބުނެފައިވެ އެވެ. އަދުހަމް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު އޭނާ މާލޭ ގެއެއްގައި ކުލި ދައްކައިގެން ދިރިއުޅުނު ކަމަށެވެ. އަދި އޭނާ ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ. އިތުރު ތަފްސީލު އަންނަނީ ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ