ރައީސް ޔާމީނަށް ތުހުމަތުކުރައްވައި މަހުލޫފު ދައްކެވި ވާހަތަކާ ގުޅިގެން އަބުރުގެ ދައުވާކުރަންޖެހޭ: ރައީސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަތެއް ވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭ ގޮތުން އަބުރުގެ ދައުވާ ކުރަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނުގެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވުމަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މީހުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ދައްކަމުން އަންނަ ވާހަކަތާ ގުޅޭ ގޮތުން ދައުވާ ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކުރީގެ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފު ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. "އެވަރުގެ ވާހަކައެއް ދެކެވިގެން ނުވާނެ. އެއީ މީހެއްގެ އަބުރާ ގުޅޭ ގޮތުން ވަރަށް ހުތުރު ވާހަކައެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ވާހަކައެއް. އެކަމާ ގުޅިގެން ޕީޕީއެމް އިން ބަޔާނެއް ވެސް ނެރެފައި އޮންނާނެ އެކަން ކުށްވެރި ކޮށްފައި. އަޅުގަނޑަށް ހީވަނީ އެކަމުގައި ދައުވާ ކުރުމުގެ އިހުތިޔާރު ރައީސްއަށް [ރައީސް ޔާމީން] އޮންނާނެހެން،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނާ ގުޅޭ ގޮތުން ވެސް ސިޔާސީ ބައެއް ބޭފުޅުން ތަފާތު ވާހަކަތައް ދައްކަވާ ކަމަށާއި އެހެންނަމަވެސް ދައްކާ ކޮންމެ ވާހަކައަކަށް ޖަވާބު ދެެއްވަން ވެއްޖެނަމަ ކުރާނެ އިތުރު މަސައްކަތެއް ނޯންނާނެ ކަމަށެވެ. ފާރިސްގެ ކެމްޕޭނާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ "އިރާދަކުރެއްވިއްޔާ ދިއްގަރު ގޮނޑި ޕީޕީއެމްއަށް ކާމިޔާބުވާނެ" ކަމަށެވެ. އަދި ވިދާޅުވީ މ. އަތޮޅަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އެމަނިކުފާނަށް ވަރަށް ތާއީދު އޮތް އަތޮޅެއް ކަމަށާއި އެކަން އެގޮތުގައި އަދިވެސް އޮތުމުން ޕީޕީއެމްއަށް ދިއްގަރު ގޮނޑި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ