އުމަރު ޖަމާލު 17 މީހަކަށް ނާޖާއިޒު ގޮތުގައި ވަޒީފާ ދިންކަން ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ސަތާރަ މީހަކަށް ނާޖާއިޒު ގޮތުގައި ވަޒީފާދިން ކަމުގެ ކުށް މަތިދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އުމަރު ޖަމާލުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސިވިލްސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީގެ ހުއްދަނެތި ސިވިލްސާވިސްގެ ގަވާއިދާ ޚިލާފަށް 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރޮވިންސް އޮފީހުގެ އެކި މަގާމްތަކަށް ކޮންޓްރެކްޓް އުސޫލުން 17 މީހަކަށް ވަޒީފާ ދިން ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަށް އުމަރު ޖަމާލު އިންކާރުކުރުމުން، ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ކިތާބީ ހެކިތަކުން ގާނޫނު އަސީސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންވަރަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ. "ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކޮންޓްރެކްޓް އުސޫލުން 17 މީހަކަށް އުމަރު ޖަމާލު ސިވިލްސާވިސްގެ ގަވާއިދާ ޚިލާފަށް ވަޒީފާދީފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ ދައުލަތުން މއ. ތިނަދޫގެ 1 އުމަރު ޖަމާލުގެ މައްޗަށް ކުޅަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ މިދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ