ބިލެތްފަހީގައި ހުރި އިންޖީނު ސާވިސް ކުރުމުން ކަރަންޓު މައްސަލަ ހައްލުވާނެ: ފެނަކަ

ށ. ބިލެތްފަހީގައި ހުރި އިންޖީނު ސާވިސް ކުރުމުން އެ ރަށުގެ ކަރަންޓުގެ މައްސަލަ މުޅިން ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އަލީ ވިދާޅުވެއްޖެ އެވެ. ރޭ ދަންވަރު ބިލެތްފަހީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ދެ ގަޑި އިރެއްހާއިރު ކަރަންޓު ކެނޑިފައިވާ އިރު، މިއަދު ހެނދުނުގެ ވަގުތެއްގައިވެސް އެ ރަށުން ވަނީ ކަރަންޓު ގޮސްފަ އެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިރޭ 'ސަން' އަށް ވިދާޅުވީ، ރޭ ދަންވަރު އިންޖީނުން "އަޑެއް" ކިޔަން ފެށުމުން އިންޖީނު ނިވާލީ ކަމަށެވެ. ނަމަވެސް އަދިވެސް މައްސަލަ މުޅިން ހައްލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އިންޖީނުން އަޑެއް ގޮވަން ފަށައިގެން އަޅުގަނޑުމެން އަމިއްލައަށް އޭތި ނިވާލީވެސް. އެއީ ޑެމޭޖް ބޮޑުވެދާނެތީ. ދެން ފަހުން ސާވިސްކޮށްފަ އަޅުގަނޑުމެން (އެ ޖެނެރޭޓަރު) ހިންގާފަ ހުންނާނީ،" ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ، އިންޖީނު ސްޓޭބަލް ކުރެވޭނީ، ޑީސަލް ކޮންޓްރޯލު ކުރާ އިލެކްޓްރޯނިކް ޑިވައިސްއެއް ގެނެސްގެން ކަމަށެވެ. އެ ޑިވައިސް އަކީ މާލެއިން ލިބެން ހުރި އެއްޗަކަށް ވުމުން، ވަރަށް އަވަހަށް ބިލެތްފައްސަށް އެ ޑިވައިސް ގެންގޮސްގެން އިންޖީނު ސާވިސް ކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. "މިހާރު ހުރި އިންޖީނު ސާވިސް ކުރީމަ އެ ސްޓޭބިލައިޒް ވާނެ. އޭރުން ކަރަންޓުގެ މައްސަލަ މުޅިން ހައްލުވާނެ." ޝަރީފު ވިދާޅުވި އެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ސާމިރު ވިދާޅުވީ، ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިންވެސް ދިމާވާ ކަމަށާއި، ނަމަވެސް މިހާރު ކަރަންޓުގެ މައްސަލަ ކުރިއަށްވުރެ ގޯސް ކަމަށެވެ. އާބާދީގައި ގާތްގަނޑަކަށް 700 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ 112 ކިލޯ ވޯޓުގެ ޖަނެރޭޓަރެކެވެ. އެ ޖެނަރޭޓަރުގެ އިތުރުން 80 ކިލޯ ވޮޓުގެ ޖެނަރޭޓަރެއްވެސް އެ ރަށުގައި ހުރެ އެވެ. ނަމަވެސް ރަށަށް ބޭނުންވާ ވަރަށް އެއިން ކަރަންޓު ނުއުފެއްދޭތީ އެ ޖެނަރޭޓަރު މިހާރު ބޭނުމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ