މައުމޫނު އަބުރުގެ ދައުވާ ކުރައްވާ ޝަފީގަށް ބަލި ހާލަތު ހުރި ގޮތުން ޝަރީއަތަށް ހާޒިރު ވެވޭކަށް ނެތް: ގާޒީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ފަތުރާ ކަމަށް ވިދާޅުވެ މަޝްހޫރު ތާރީހީ ލިޔުންތެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގުގެ މައްޗަށް މައުމޫން ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތަށް، ބަލިހާލު ހުރި ގޮތުން ޝަފީގަށް ވަޑައިގެންނެވެން ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ޝަފީގު ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް މިއަދު ހާޒިރުކޮށްދެއްވުމަށް ކޯޓުން އެދިފައިވާތީ ކަމަށް ގާޒީ އަދީބު ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މި އަހަރުގެ ޖެނުއަރީ 31 ގައި ކޯޓަށް ބަލައިގަތް މައްސަލައިގެ ޝަރީއަތް ލަސްވަމުން ދަނީ ވަކި މީހަކަށް ނުވަތަ ވަކި ކުލައަކަށް ނިސްބަތްވާ މީހަކަށް ވެގެން ނޫން ކަމަށެވެ. އަދީބު އެހެން ވިދާޅުވެފައި ވަނީ މި މައްސަލައިގައި ވަރަށް އެހެން ކަހަލަ ކަންތައްތަކެއް ހިންގާ ކަމަށް މައުމޫނުގެ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވުމުންނެވެ.
ގާޒީ ވިދާޅުވީ އަޑުއެހުން ފެށުމުގެ ކުރިން މި މައްސަލައާ ގުޅިގެން މީހަކު ކޯޓަށް ގޮސް، ޝަފީގަށް ހާޒިރުވެވެން ނެތް ކަމަށް ބުނެ މެޑިކަލް ފޯމް ރިސެޕްޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މައުމޫނުގެ ވަކީލު ވަހީދު ވަނީ މައްސަލަ ދިގުލައިގެން ދާތީ އިންސާފު ހޯދައިދިނުމަށް ކޯޓުން ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ހާޒިރު ނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމައި ދިނުމަށް ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ.
މި މައްސަލައިގައި ޝަރީއަތުން އެއްވެސް އިހުމާލެއް ވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ގާޒީ އަދީބު ވިދާޅުވި އެވެ. އަދި ޝަފީގު ޝަރީއަތަށް ހާޒިރުކުރުމަށްޓަކައި ފުލުހުންނާ އިތުރަށް ވާހަކަދައްކައިގެން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖައްސާނެ ކަމަށް ވެސް ގާޒީ އަދީބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ