ކަމަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިފި
އެމް.ޑަބްލިޔު.އެސް.ސީއިން ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާ ޚިދުމަތް ފަށައިފިއެވެ.އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އެވެ.ކަމަދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފަ އެވެ. އަދި ފެން ރައްކާކުރުމަށް ފެން ތާނގީ ވެސް ވަނީ ބަހައްޓާފަ އެވެ.ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ ވަނީ ޢިމާރާތްކޮށްފައެވެ. އަދި ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް ވެސް ވަނީ އަޅާފަ އެވެ.މީގެ އިތުރުން ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު، މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރުކޮށްދިނުމަށް ހަމަޖެހިފަ އެވެ.މިމަޝްރޫޢުގެ ޖުމްލަ އަގަކީ 56.66 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ޔަގީންވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ