ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ އެ މައުލޫމާތު ހާމަވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަކާއި އޭގެ މިންވަރު އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ދިޔަރެސް ނޫސްގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ދިނުމަށް އެދިފައެވެ.
އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވި ހުސައިން ފިޔާޒް މޫސާ ވަނީ މައުލޫމާތު ނުދިނުމަށް އަންގާފައެވެ.ހައިކޯޓުން މައްސަލަ ބެލީ އަޒާނުގެ ފަރާތުން ނިންމުން އިސްތިއުނާފު ކުރުމުންނެވެ.
ހައި ކޯޓުގައި މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތަކީ ގައުމީ ސާލަމަތަށް ނުރައްކާވާ މައުލޫމާތެއް ކަމަށް ކަނޑައެޅީ ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެކަނި ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިދޭ ބާރުތަކުގެ ތެރޭގައި މައުލޫމާތު ހުރި އިދާރާގެ ކަމާ ބެހޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުކުރުމާއި، ވަކި މައުލޫމާތެއް ފޮނުވުމަށް އެންގުމާއި، އެ މައުލޫމާތެއް މުތާލިއާ ކުރުމާއި، ވަކި ލިޔެކިޔުންތަކެއް ހުރި ކަން ބެލުމަށް ދައުލަތުގެ އިދާރާއަށް ވަދެ ބެލުމުގެ ބާރު ހިމެނެއެވެ.
އެއިން އެއްވެސް ބާރެއް ބޭނުން ނުކޮށް، ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްއާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދިން މައުލޫމާތަކަށް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެއީ ހުކުމުގައި ބަޔާންކޮށްފައިވަނީ ނިންމުމަށް ވާސިލުވުމުގައި ގައުމީ ސަލާމަތަށް ލިބިދޭ ގެއްލުމެއް ސާފުކޮށް ބަޔާން ކުރެވިފައި އޮންނަން ޖެހޭނެ ކަމަށްވާތީއެވެ. މީގެ އިތުރުން ވާސިލުވި ސަބަބުތައް އެކަށީގެންވާ ވަރަށް ތަފްސީލުކޮށް، މައުލޫމާތަށް އެދިފައިވާ ފަރާތަށް ހިއްސާކޮށްދީފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންކަމުން މި މައްސަލައަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އެ ގޮތުން މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މައްސަލަ އިޖުރާއަތްތައް ފުރިހަމަކޮށްގެން ބެލުމަށް އަމުރުކޮށްފައިވެ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ގޮތަށް އޭރު ނިންމި އެއް ސަބަބަކީ އެ އޮޕަރޭޝަންތަކަކީ އިންޑިއާއާއެކު ރާއްޖޭން ހަދާފައިވާ "ސިއްރު" އެއްބަސްވުމެއްގެ ތެރެއިން ކުރިއަށްދާ ކަންކަމަށް ވުމެވެ. އެހެންކަމުން ދޭދޭ ގައުމާ ދެމެދު ހަދާފައިވާ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތެއް ހާމަކުރުމަކީ، އެ ގައުމަކާ މެދު ގުޅުން ގޯސްވެ އޭގެ ނުރައްކާ އަންނާނެ ކަމެއް ކަމަށް ބުނެ އެވެ.
މި ސަރުކާރުން ބުނާ ގޮތުގައި އިންޑިއާގެ ހަތިޔާރު އެޅި އަސްކަރީ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ހަރަކާތްތެރިއެއް ނުވާނެއެވެ.
އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ