އުތުރާއި މެދު ރާއްޖެ ތެރެއަށް މޫސުން ވަރަށް ގޯސް، ރައްކާތެރިވޭ!

އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާތީ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓުން އިލްތިމާސްކޮށްފިއެވެ.
މިކަމާއި ގުޅިގެން އެންޑީއެމްއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑިސެންބަރު 24 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާއި ގުޅިގެން ކުރިއަށް އޮތް 03 ދުވަހު، ޙާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާ ވާކަމަށެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
Advertisement
މީގެ އިތުރުން ކުރިއަށް މިއޮތް ދެ ގަޑިއިރު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ގަދަވަޔާއި ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް އޮރެންޖް އިންޒާރުވަނީ ނެރެފައި ކަމަށްވެސް ބުނެފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި އޮތުމުން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން އެޅިދާނޭ ބައެއް ފިޔަވަޅު ތައް ކަމަށް އެންޑީއެމްއޭ އިން ބުނެފައިވަނީ:-
• ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
• ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
• ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
• ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
• ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
• ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
• ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން.
އެ އިދާރާއިން ވަނީ ޢާންމު ރައްޔިތުންނާއި ވަކިވަކި އިދާރާތަކުން މިކަން ކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ