ފަނޑިޔާރުންގެ ޖަމިއްޔާއިން އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަނީ

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ހާއްސަ ގޮތްޕެއްގެ ގޮތުން "ވިމެންސް ވިންގް"ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން އިންތިޒާމުކޮށްގެން ބޭއްވި އަންހެން ފަނޑިޔާރުންގެ މަހާސިންތާގައެވެ.
ރާއްޖޭގައި ބޭއްވި ދެވަނަ އަންހެން ފަނޑިޔާރުންގެ މަހާސިންތާގައި ވެސް އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެނުންނަށް ކުރިމަތިވާ ކަންކަމުގައި ޝަރުއީ ދާއިރާގެ ހިދުމަތްތައް ވަރުދަގަ ކުރުމަށް މި ފަހަރުގެ މަހާސިންތާގައި ވަރަށް ބޮޑަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް 29 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މަހާސިންތާ ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. މި ކޮންފަރެންސް ހުޅުވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން އަންހެން ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ ތެރެއިން ހުރި ގޮންޖެހުންތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަންވެސް ފާހަގަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި މަހާސިންތާގެ މަޤްސަދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ބާރުއަޅައި، ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސަށް ފަހު ހޯދި ކާމިޔާބީތަކާއި ކުރިއެރުންތައް ދެނެގަތުން ހިމެނެއެވެ. އަދި އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ވިސްނައި ޝިކާރައަށްވާ މީހުންގެ ތަޖުރިބާއަށް އަލިއަޅުވާލައި، އިންސާފުވެރި ޤާނޫނީ މަރުހަލާއެއް ކަށަވަރު ކުރުންވެސް ހިމެނެއެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ