މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން މިއަދު ނިންމައިލަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނު ބުނީ ކެމްޕޭން ކުރެވޭނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ. އޭގެ ފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާވާނެ އެވެ. އޭގެ ތެރޭގައި އާންމު ތަންތަނާއި ޖަގަހަތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން މަނާވާނެ އެވެ.
ހަވީރު 6:00 އާ ހަމައަށް ކެމްޕޭން ހަރަކާތްތައް ހުއްޓައިލުމަށް ފަހު، އިންތިހާބު ބާއްވާ ދުވަހުގެ ފަހު ދުވަހު ހެނދުނު 6:00 އާ ހަމައަށް ކެމްޕޭން އެއްވެސް ހަރަކާތެއް ނުހިންގޭނެ އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.
ނަމަވެސް ކެމްޕޭން ފޯރި އެންމެ ގަދައީ އެންމެ ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގަ އެވެ.
ވޯޓްލާން ފަށާނީ މާދަމާ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ފަހަރުގެ އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓްފޮށި ބަހައްޓަން ނިންމީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
ކެމްޕޭން ކުރެވޭނީ މިއަދު ހަވީރު 6 އާ ހަމައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ